ކޮޅުމަޑުލު މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެެވެ.
މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ.އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަޑިފުއްޓަށް ވަޑައިގެންނެވެ.
މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަދި އެރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެރަށު ސްކޫލްގެ އައު އިމާރާތުގެ ބިންގާ އެޅުއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު، މޫސާ ޒަމީރެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
1454 މީހުންގެ އާބާދީއެއް އޮންނަ މަޑިފުށީ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިމުމާއެކު މިހާރު އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި، ކިޔަވާ ކުދިންނަށް އިތުރު ލުއިފަސޭހަތަކަކާއި، ކުރިއެރުންތައް ލިބިގެންދާނެކަމަށް އެމްޓސީސީން ޤަބޫލުކުރައްވައެވެ.
މަޑިފުށީ ސްކޫލްގެ އައު އިމާރާތްއެޅުމުގެ މަޝްރޫޢުގެ ދަށުން، މަލްޓިޕާޕަސް ހޯލަކާއި، އައު ކްލާސްރޫމްތައް ހިމެނޭ 3 ބުރީގެ އިމާރާތެއް އެ ސްކޫލަށް އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 57 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ މަސައްކަތް ނިންމާޣޮތަށެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވެ.
މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.