ވިޔަފާރި

ދިވެހި އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑްގެ މަސައްކަތް ފަށަނީ


އިންޝުއަރެންސްގެ ޚިދުމަތުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެމްއެމްއޭއިން ދާދި ފަހުން ދޫކުރައްވާފައިވާ ދިވެހި އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިންޝުރެންސް ވިޔަފާރީކުރުމުގެ ހުއްދަ އެމްއެމްއޭއިން މިއަދު ދެއްވައިފިއެވެ.

ސައްތަ އިންސައްތަ ދިވެހިން ޙިއްޞާވާ ދިވެހި އިންޝްއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސެންސް ދޫކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ދިވެހި އިންޝުއަރެންސް ޕްރައިވެޓް ލިމިޑެޓަށް ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރިކުރުމުގެ ހުއްދަ ދެއްވީ، އެމްއެމްއޭއިން ޝަރުތުކުރައްވާފައިވާ ކަންތައްތައް ފުރިހަމަކުރުމުން ކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ.

އެގޮތުން އެކުންފުނީގައި އިދާރީގޮތުން ފުރިހަމަވާންޖެހޭ ކަންތައްތަކާއި، ކުންފުނީގެ ކެޕިޓަލް އެކަށީގެންވާ ވަރަށް ހުރުމުގެ އިތުރަށް، ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަކަށް އޮފީސް ތަރައްޤީކުރެވިފައި ހުރުން ފަދަ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބަލާފައިވާކަމަށް އެމްއެމްއޭއިން ހާމަކުރާއްވައެވެ. އަދި އެކުންފުނިން އެކަންތައްތައް ފުރިހަމަކޮށްފައިވަނީ އެމްއެމްއޭއިން ދެއްވި މުއްދަތައްވުރެ އަވަހަށް ކަން އެބޭންކުން ފާހަގަކުރައްވައެވެ. ދިވެހި އިންޝުއަރެންސް ޕްރައިވެޓް ލިމިޑެޓާއެކު ރާއްޖޭގައި މިހާރު ސައްތަ އިންސައްތަ ދިވެހިން ޙިއްސާވާ އިންޝުއަރެންސް ޚިދުމަތްދޭ ކުންފުނިތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. ދިވެހި އިންޝުއަރެންސް ޕްރައިވެޓް ލިމިޑެޓްގެ އިތުރުން ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތްދޭ ސައްތައިން ސައްތަ ދިވެހިން ޙިއްޞާވާ ކުންފުނިތަކަކީ އެލައިޑް އިންޝުރެސްންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް އަދި ސްލޮރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑެވެ.