ކުޅިވަރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަކީ ސާޖިނާ އަދި ނިޝްވާން


2015 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް އައިޝަތު ސާޖިނާ އަދި އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ނިޝްވާން އިބްރާހީމް ހޮވިއްޖެއެވެ. މިރޭ އޮތް ސްވިމިންގ އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ އެވޯޑް ނައިޓުގައި އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަށް އިނާމް ހަވާލްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙެވެ. 

އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް އައިޝަތު ސާޖިނާ ހޮވުނުއިރު، ދެވަނަ ލިބުނީ ސާޖިނާގެ ދައްތަ އައިމިނަތު ޝަޖަން އަށެވެ. އަދި އަހަރުގެ ތިންވަނައަށް އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވުނީ ހަމްނާ އަހްމަދެވެ. 

އަހަރުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ނިޝްވާން އިބްރާހީމް ހޮވުނުއިރު، ދެވަނަ ލިބުނީ އިސްމާއިލް މުއުތަސިމް އަދުނާނަށް. އަދި ތިންވަނަ ލިބުނީ މުބާލް އައްޒާމް އިބްރާހިމަށެވެ. 

މިދިޔަ އަހަރުގެ ޖޫނިއަރ ބައިގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވުނީ ހަމްނާ އަހުމަދެވެ. އަދި ޖޫނިއަރ ބައިގެ ފިރިހެން އެންމެ މޮޅު ފެތުންތެރިޔަކަށް ހޮވުނީ އިސްމާއިލް މުއުތަސިިމް އަދުނާނެވެ. 2015ވަނަ އަހަރުގެ ސީނިއަރ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ދެ ފެތުންތެރިން ހޮވުނެވެ. އެއީ މުބާލް އައްޒާމް އިބްރާހީމާއި، ނިޝްވާން އިބްރާހިމެވެ. އަދި ސީނިއަރ ބައިގެ އަންހެން އެންމެ މޮޅު ފެތުންތެރިޔަކަށް ހޮވުނީ އާމިނަތު ސަޖަންއެވެ. 

ސްވިމިންގ އެވޯޑް ނައިޓުގައިވަނީ 2015 އަހަރުގެ ސްވިމިން އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކާއި، ފެތުންތެރިން ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތްތަކުގެ ނަތީޖާއަށް ބަލައި ޖޫނީއަރ އަދި ސީނިއަރ އުމުރުފުރާއިން އެކި ވަނަތައް ހޮވުނު ފެތުންތެރިންނަށް އެވޯޑް ދީފައެވެ. އަދި މީގެ އިތުރުން ސްމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޕޮންސަރުންނާއި، ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށްވެސް މިރޭވަނީ ހަނދާނީ ލިޔުން ދީފައެވެ. 

މި ރަސްމިއްޔާތުގައި ދިން އެންމެ ޚާއްސަ އެވޯޑަކީ މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި އޮތް ސައުތް އޭޝިއަން ގޭމްސްގައި ފެތުމުން ދިވެހިރާއްޖެއަށް ފުރަތަމަ މެޑަލް ހޯދައިދިން އެތްލީޓް އާމިނަތު ޝަޖަންއަށް ދިން އެވޯޑެވެ. ސަޖަންވަނީ ބާރަވަނަ ސައުތް އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.