ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާހު ޖިބޫޓީ ކޮޅަށް ޖަހައިދިން ދެ ލަނޑުން މޮޅުވެ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެއްޖެއެވެ.
މި މެޗު 3-0 އިން ކާމިޔާބުކޮށް މިސްރު ކޮލިފައިމިވީ ކޮލިފައިންގައި ބާކީ އަދި އެއް ބުރު އޮއްވަ އެވެ.
ސަލާހު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މިސްރު ގޮވައިގެން ދަތުރުކޮށްފަ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުކުޅެވުނީ އެ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެނިކޮށް ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ނަތީޖާއެއްގެ މިސްރުން އެ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް އެފްރިކާއިން ނުވަ ގައުމެއް އޮޓެމެޓިކުން ކޮލިފައިވާނެ އެވެ. މިސްރަކީ 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތަށް ކޮލިފައިވި 13 ވަނަ ގައުމެވެ. އެފްރިކާއިން މިހާތަނަށް ކޮލިފައިވެފައިވަނީ މޮރޮކޯ އާއި ޓިއުނީޝިޔާ އެވެ.
މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އެހެން ގައުމުތަކަކީ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލްގެ އިތުރުން ޖަޕާނާއި ނިއުޒީލޭންޑް، އިރާން، އުޒުބެކިސްތާން، ދެކުނު ކޮރެޔާ، ޖޯޑަން، އޮސްޓްރޭލިޔާ، ބްރެޒިލް، އިކުއެޑޯ، އުގުރުއޭ، ކޮލަމްބިއާ އަދި ޕެރަގުއޭ އެވެ.