ޚަބަރު

މަންދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ. މަންދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަންދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުއެވެ.

މަންދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީ އާއި މަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.

މިއީ 11.48 މިލިއަން ރުފިޔާއަށް 210 ދުވަހުގެތެރޭގައި ނިންމުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މިއީ މަންދޫގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، މި ދަނޑުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.