ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ސޯމާލިއާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އަންނަ އަހަރުގެ މުބާރާތުގެ ޖާގައެއް އަލްޖީރީއާއިން ކަށަވަރުކޮށްފިއެވެ.
ވޯލްޑްކަޕް ކޮލިފައިންގެ އެފްރިކާ ބައްރުގެ ގްރޫޕް ޖީ ގައި ކުޅުނު މި މެޗު އަލްޖީރިއާ އިން ކާމިޔާބު ކުރުމާއިއެކު އެ ޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 9 މެޗުން 22 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
2014 ވަނަ އަހަަރަށް ފަހު އަލްޖީރިއާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު ސޯމާލިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން, މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީގެ ކުރީގެ މިޑްފީލްޑަރ ރިޔާދް މެހްރޭޒް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ހަތްވަނަ މިނިޓުގައި އަލްޖީރިއާ އިން ލީޑު ނަގާފައިވަނީ މެހްރޭޒްގެ އެސިސްޓަކުން މުހައްމަދު އަމޯރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ބާރަ މިނިޓު ފަހުން ރިޔާދް މެހްރޭޒް ވަނީ ސޯމާލިޔާގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހިތްގައިމު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އަލްޖީރިއާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 57 ވަނަ މިނިޓުގައި މެހްރޭޒް ދިން ޕާހަކުން މުހައްމަދު އަމޯރާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުން މޮޅުވެ އަލްޖީރާ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން އަލްޖީރިއާ ބަލިވެފައިވަނީ ޗެމްޕިއަންކަން ހޯދި ޖަރުމަން އަތުންނެވެ.
މި މެޗަކީ ސޯމާލިއާގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެއް ނަމަވެސް ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމާއި ގުޅިގެން މި މެޗު ކުޅެފައިވަނީ އަލްޖީރިއާގެ އައްސޭރި ފަށުގަ އެވެ.
އަލްޖީރިއާ އާއިއެކު ވޯލްޑްކަޕް މިހާތަނަށް ކޮލިފައިވެފައިވާ އެފްރިކާގެ ގައުމު ތަކަކީ މޮރޮކޯ އާއި ޓީއުނީޝިޔާ އެވެ.