ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އެމެރިކާގެ 200 ސިފައިން ފޮނުވަން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާއިން 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފަށާފައިވާއިރު، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އެމެރިކާގެ 200 ސިފައިން ފޮނުވަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންނެވެ. އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް ފޮނުވާ ސިފައިން ތިބޭނީ ޒަޔަނިސްޓު ދައުލަތުގައި ކަމަށާއި، އެ ސިފައިން ޣައްޒާއަށް އެތެރެ ނުވާނެ ކަމުގައި ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލުން ބުންޏެވެ.
ސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަމާއި، ޣައްޒާގައި ހަމަޖެހުން ޤާއިމު ކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރާނީ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ދަށުން ހިންގާ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ)ންނެވެ. އެ އިދާރާގެ މައިގަނޑު ޒިންމާއަކަށް ވާނީ، ޣައްޒާގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް ނާޅާކަން ކަށަވަރުކޮށް، ސަލާމަތީ އަދި އިންސާނީ އެހީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތަރުޖަމާނު ކެރޮލައިން ލެވިޓް މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެމްސީސީގެ މިޝަންގެ މައިގަނޑު ޒިންމާއަކީ ޙަމާސް-ޔަހޫދީންގެ ސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރެވޭ ކަން ކަށަވަރު ކުރުން ކަމުގައެވެ. އަދި، އެ ފައުޖުން އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ.
ސީއެމްސީސީގެ ފައުޖާ އެކު މިޞްރު، ޤަޠަރު އަދި ތުރުކީވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން މަސައްކަތް ކުރާނެ ކަން ވެސް ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުން ހާމަކުރިއެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ސިފައިންގެ އެހީތެރިކަން ސީއެމްސީސީގެ މިޝަނަށް ލިބޭނެ ކަމުގައި އެ މަޞްދަރުތަކުން ބުންޏެވެ. އަދި، ޔަހޫދީ ފައުޖާ ގުޅިގެން މަސައްކަތްކޮށް، ޙަމާސާއި ޔަހޫދީ ސިފައިންނާ ދެމެދު އަލުން ޙަމަލާ ބަދަލު ކުރުން ފެށުނަ ނުދިނުމަށް ސީއެމްސީސީއާއި ގުޅިފައިވާ ޤައުމުތަކުގެ ފައުޖުން މަސައްކަތް ކުރާނެ ކަމުގައި އެ ފަރާތްތަކުން ބުންޏެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ޙަމާސުން ބުނީ، އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފަށާނެ ކަމުގައެވެ. އޮކްޓޫބަރު 11ވަނަ ދުވަހު އަސީރުން މިނިވަން ކުރަން ފަށާނެ ކަމުގައި ޒަޔަނިސްޓު ދައުލަތުން ވެސް ވަނީ ބުނެފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ އަދަދު 48އަށް އަރާ ކަމަށް ޤަބޫލު ކުރެއެވެ. އަދި، އޭގެ ތެރެއިން މި ވަގުތު ދިރިތިބީ 20 މީހުންނެވެ. އެ އެންމެންގެ އިތުރުން މަރުވެފައިވާ އަސީރުންގެ ހަށިތައް ވެސް ޙަމާސުން ޔަހޫދީންނާ ޙަވާލު ކުރާނެއެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކުގައި މަރުވެފައިވާ ހުރިހާ އަސީރުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ޙަމާސުން ވަނީ ބުނެފައެވެ.
އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ 1,700އެއްހާ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން ވެސް ދޫކޮށްލަން ޖެހޭނެއެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއާއި، ދެކުނުގައި އޮތް ރަފަޙް އަދި ޚާން ޔޫނިސުން ޔަހޫދީ ސިފައިން ފައިބަން ޖެހޭނެއެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ފަސް މަގެއް ހުޅުވައިލަން ޖެހޭނެއެވެ.