ވޯލްޑް ކަޕާ ގުޅުވައިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ "ވީ އާ 26 ޕީއެސްއެމް ފިއެސްޓާ" ކުޑަކުދިންގެ ހަވީރުގެ މިއަދުގެ ހަރަކާތްވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިއީ ވޯލްޑްކަޕާއި ގުޅިވައިގެން ހަފުތާ ބަންދުގައި ޓީވީއެމް ބިލްޑިންގެ ގޯތިތެރޭގައި ކުރިޔަށްގެންދާ ހަރަކާތެކެވެ.
ވޯލްޑްކަޕާ ގުޅުވައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަކީ، އެކުވެރި މަޖާ މާޙައުލެއްގައި ވޯލްޑްކަޕުގެ ފޯރި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ވީހާވެސް ގިނަ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ވޯލްޑްކަޕް ކުރިއަށްދިޔަ މިމުއްދަތުގައި ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު މި ހަރަކާތް ވަނީ ބާއްވާފައެވެ.
ހަވީރު 4:00ން 6:00 އަށް ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު އެކި ކުޅިވަރުތައް ހިމެނޭހެން ގިނަ އަދަދެއްގެ ސްޓޯލްތައް ބަހައްޓާފައިވެއެވެ. އެކި އުމުރުފުރާތަކުގެ ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ހަވީރަކީ، ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާވެސް ލިބޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ، އާއިލާތަކުން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، ކުޑަކުދިންނާއެކު ތަފާތު ގޮތަކަށް ވޯލްޑްކަޕުގެ ޖޯޝު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. ކުޑަކުދިންގެ ހަވީރު އޮންނަ ދުވަސްތަކުގައި ކުދިން އަންނައިރު، އެ ކުއްޖަކު ވޯލްޑްކަޕުގައި ސަޕޯޓް ކުރާ ޓީމެއްގެ ޖަރޒީގައި އައުމަށް ޕީއެސްއެމުން އެދެއެވެ.
ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުގައި ބައިވެރިވި ބައެއް ކުދިން ވަނީ، އެ ކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.
"ހުރިހާ ކުޅިވަރެއްވެސް ކުޅެފިން، ވަރަށް މަޖާ މިކަހަލަ ކުޅިވަރުތައް ކުރިއަށް ގެންދާތީ." އެއްކުއްޖަކު ބުންޏެވެ.
ކުޅިވަރުތަކުގެ އިތުރުން މި ކުޑަކުދިންގެ ހަވީރުގައި ފުޑް ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ. ވޯލްޑްކަޕާއި ގުޅުވައިގެން ކުރިޔަށްގެންދާ މިފިއެސްޓާގެ އެންމެ ފަހު ހަރަކާތް އޮންނާނީ، މާދަމާ ކަމަށް ޕީއެސްއެމްއިން މައުލޫމާތުދެއްވައެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މި ފަހަރު ބާއްވާ ވޯލްޑް ކަޕަކީ، މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ރާއްޖޭގައި ފެންނަމުންދަނީ، ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
ވޯލްޑްކަޕުގެ ފައިނަލް މެޗުގައި އަންނަ ހޯމަ ދުވަހު އާޖެންޓީނާއާއި ސްޕެއިން ބައްދަލުކުރާއިރު، މިއަދުގެ ހަރަކާތުގައި ބައިވެރިވި ގިނަ ކުދިންގެވެސް ފޭވަރިޓް ޓީމަކީ މިދެޓީމުކަން އެކުދިން ވަނީ ފާހަގަކޮށްފައެވެ.
ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި، ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަ ކޮށްގެން ޕީއެސްއެމުން ވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ.