ޚަބަރު

ޓީޓީޕީގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުގެ ވަރުގަދަ ޙަމަލާތަކެއް، އަފްޣާނިސްތާނަށް ވެސް ބޮންއެޅި


އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޕާކިސްތާނާއި އަފްޣާނިސްތާނުން ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގު ކައިރިން ދަތުރުކުރަމުން ދިޔަ ޕާކިސްތާނުގެ އަސްކަރީ އުޅަނދުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި 30 ހަނގުރާމަވެރިން، ޕާކިސްތާނުގެ އަސްކަރިއްޔާއިން މަރާލައިފިއެވެ.

ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާނުންގެ ގޮތްޕެއް ކަމަށްވާ ތަހްރީކީ ޠާލިބާން ޕާކިސްތާން، ޓީޓީޕީން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ޙަމަލާތައް ދޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އެ ޖަމާޢަތުން ބޭނުން ވަނީ ސަރުކާރު ވައްޓާލައި އެ ޖަމާޢަތުގެ އަމިއްލަ ވެރިކަމެއް ޕާކިސްތާނުގައި ޤާއިމުކުރާށެވެ. ޕާކިސްތާނުގެ ނުވަ ސިފައިންނާއި ދެ އޮފިސަރުން މަރުވި އެންމެ ފަހުގެ ޙަމަލާގެ ޒިންމާ ވެސް އެ ޖަމާޢަތުން ވަނީ އުފުލައިފައެވެ.

ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާއާއި ޠާލިބާނުންގެ އެހީތެރިކަމާއެކު ޕާކިސްތާނީ ޠާލިބާން ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ. ނަމަވެސް ދެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ދެކޭ ގޮތުަގައި އަފްޣާނިސްތާނުގެ ސަރުކާރުން އެ ސަރުކާރުގެ މަސްޢޫލިއްޔަތުތައް ޢަދާކޮށް ޕާކިސްތާނާ ދެކޮޅަށް ދޭ ނިރުބަވެރި ޙަމަލާތައް ރާވައި ހިންގުމަށް އެ ޤައުމުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިތުބާރުހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި ޚައްޞަ އަސްކަރީ ޙަރަކާތެއްގައި ޓީޓީޕީއާއި ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެމެދު ޙަމަލާ ބަދަލުކޮށްފައިވާ ކަމަށެވެ. އެ ޙަރަކާތުގައި އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޕާކިސްތާނުގެ އަސްކަރީ އުޅަނދުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި އިންޑިޔާއިން ވާގިވެރިވާ 30 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ ޠާލިބާނު ސަރުކާރުން ވެސް އެ ޤައުމުގައި ގޮވުމެއް ގޮވާފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ޙަމަލާގައި ބަޔަކަށް ޒަޚަމްވި ކަމަށް ނުވަތަ މަރުވި ކަމަކަށް ވެސް ބުނެފައެއް ނުވެއެވެ.