ޚަބަރު

ނޮބެލް ޞުލްޙައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރަތަށް


ނޮބެލް ޞުލްޙައިގެ އިނާމު ހޯއްދެވުމުގެ އުންމީދުގައި މަސައްކަތް ކުރައްވަމުންދިޔަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އެ އިނާމު ނުލިބުމުން ހިތްހަމަޖެހިވަޑައިނުގެންފިއެވެ.

ޝަރަފްވެރި ނޮބެލް ޞުލްޙައިގެ އިނާމު އެންމެ ހައްޤުވާ ފަރާތަކީ ޓްރަމްޕް ކަމަށް އޭނާ ދައުވާ ކުރައްވަމުން ދިޔަ ނަމަވެސް އެ އިނާމު ލިބިފައި ވަނީ އެމެރިކާއިން ބާރުވެރި ކުރުވާ އަދި ޔަހޫދީންގެ ހައްދުފަހަނައެޅި އަނިޔާވެރި ފިކުރަށް ތާއީދުކުރާ ވެނެޒުއެލާގެ މާރިޔާ ކޮރީނާ މަޗާއޯއަށެވެ. އޭނާއަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީގެ ލީޑަރެެވެ.

މަޗާއޯއަށް ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައި ވަނީ ވެނެޒުއެލާއިން ހުދުމުހުތާރުކަން ފޮހެލުމަށް އޭނާ ކުރައްވަމުންދާ މަސައްކަތަށެވެ. މަޗާއޯއަށް އެ އިނާމު ދިނުމަށް ކަމާބެހޭ ކޮމިޓީއިން ނިންމާފައި ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިންނެވެ.

ކޮންމެ އަހަރަކު ވެސް ދޭ ނޮބެލް ޞުލްޙައިގެ އިނާމަކީ ފާއިތުވި އަހަރުގެ ތެރޭގައި ޞުލްޙަ ޤާއިމް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ދޭ އިނާމެކެވެ. އެހެންކަމުން މި އަހަރުގެ އިނާމު ދެނީ 2024ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ.

ޓްރަމްޕްއާއި އޭނާގެ ވާގިވެރިން ވަނީ ޓްރަމްޕްއަށް އެ އިނާމު ނުލިބޭނެކަން އިނގުމުން ރަސްމީ ބަޔާންތައް ނެރި އެ އިނާމު ދޭ ކޮމިޓީއަށް ފާޑުކިޔައިފައެވެ. އެ ކޮމިޓީއިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެނީ ކަމަށް އެ ބަޔާންތަކުގައި ތުހުމަތުކޮށްފައިވެއެވެ.

‎ނޮބެލް ސުލްޙައިގެ އިނާމު ބޭނުންފުޅުވާކަމުގެ އިޝާރާތްތައް އެކި ފަހަރުމަތިން ޓްރަމްޕް ވަނީ ކުރައްވައިފައެވެ.

ޖޫން 20ވަނަ ދުވަހު ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް މީސް މީޑިޔާގައި ޝާއިޢު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީ އޭނާ ކަމުގައެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންނާއި މުސްލިމް ޤައުމުތަކާ ދެމެދު ގުޅުން ޤާއިމު ކުރުމަށް އިބްރާހީމް މުޢާހަދާ އެކުލަވައިލެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ނޮބެލް ކޮމިޓީގެ އިސްވެރިޔާ، ޔަރްގަން ވަތުން ފްރީޑްނެސް ވިދާޅުވީ ނޮބެލް ޞުލްޙައިގެ އިނާމު ހޯދުމަށް އަމަލުކުރަންޖެހޭ ގޮތްތައް އެ ކޮމިޓީއިން ކިޔައި ނުދޭނެ ކަމަށާއި، އެ ކޮމިޓީގެ ޒިންމާއަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުން ކަމަށެވެ.