ޚަބަރު

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފި


  • މިއީ ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފޯރަމެއް

  • މިފޯރަމުގައި 300އެއްހާ މީހުން ވަނީ ބައިވެރިވެފައި

އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފިއެވެ. މިއީ ސީއޭ މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވާ ފޯރަމެކެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025"އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް މުހިންމު ފޯރަމެކެވެ. އަދި މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިންގ ޕްރޮފެޝަނަލުންގެ މެދުގައި އަޚްލާޤީ އުސޫލުތައް ތަޢާރަފްކުރުމަށް ހިތްވަރުލިބިގެންދެއެވެ.

ކޮންމެ އަހަރަކުވެސް ޚާއްސަ ޝިއާރަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ އެކައުންޓެންޓްސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ "ސްޓްރެންތެނިންގ ފައިނޭންޝިއަލް ޤަވަރނެންސް އެންޑް އެކައުންޓަޓަބިލިޓީ"، މިޝިޢާރަށެވެ.

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ވަނީ މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެމްއެންޔޫ އޮޑިޓީރިއަމްގައި ކުރިއަށްގެންދާ މި ފޯރަމުގައި އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފަންނީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 300އެއްހާ މީހުން ބައިވެރިވެފައިވެއެވެ. އަދި މި ފޯރަމްގައި މާލީ ހިންގުންތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ފޯރަމްގައި މަޝްވަރާކުރެވޭ މުހިންމު ބައިތަކުގެ ތެރޭގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހަރުދަނާކުރުމާއި، ސަރުކާރުގެ މާލީ ހިސާބުތައް އެކްރޫއަލް ބޭސިސްއަށް ބަދަލުކުރުމާއި، ލިކުއިޑިޓީ އަދި ފިސްކަލް މެނޭޖްމަންޓްގެ ގޮންޖެހުންތައް ހިމެނެއެވެ. މީގެ އިތުރުން ސަސްޓެއިނަބިލިޓީ ރިޕޯޓިންގ، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބަރ ސެކިއުރިޓީގެ މައްޗަށްވެސް މަޝްވަރާކުރެވޭނެއެވެ.

އަދި ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމާއި، ބޭރު ފައިސާގެ ރިސްކް މެނޭޖްކުރުމާއި، ސްރީލަންކާގެ މާލީ ހީނަރުކަމުން ލިބިގަނެވޭ ފިލާވަޅުތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް އަދި އެފްޑީއައި އާ ގުޅޭ ޤާނޫނީ އޮނިގަނޑުގެ މައްޗަށްވެސް މަޝްވަރާކުރެވޭނެއެވެ.

އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަންއާ ގުޅޭ ކަންތައްތައް ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އިންސްޓިޓިއުޓްއެކެވެ.