ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މީހުން ދިރިއުޅޭ %50 ރަށުގައި ކުރިއަށްގެންގޮސްފިއެވެ. "ވިލުންތެރި ރާއްޖެ" ޓީމުގެ ޢަމާޒަކީ މިމަހުގެ ނިޔަލަށް ހުރިހާ ރަށްތަކެއްގެ ބައްދަލުވުންތައް ނިންމާލުމެވެ.
"ވިލުންތެރި ރާއްޖެ 2045"ގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ. މި ޕްލޭން އެކުލަވާލަނީ ރާއްޖޭގެ މީހުން ދިރުއުޅޭ ހުރިހާ ރަށްތަކުގެ ރައްޔިތުންގެ ޚިޔާލާއެކުގައެވެ. އަދި އެކި އިދާރާތަކާ ޖަމިއްޔާ ޖަމާތްތަކާއެކުވެސް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވައެވެ.
ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ "ކުރިމަގު ސައްލާ"ގެ ބައްދަލުވުންތައް މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ %50 ރަށުގައި ކުރިއަށްގެންގޮސްފަވާކަމަށެވެ. އެއީ ސަތޭކައާ ގާތްކުރާ އަދަދެކެވެ.
"ވިލުންތެރި ރާއްޖެ 2045" ގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރާ "ނެކްސިޔާ މޯލްޑިވްސް" އިން ބުނީ، މިހާތަނަށް 10 އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު އެއްކޮށްފައިވާނެ ކަމަށެވެ.
• އައްޑޫ ސިޓީ
• ފުވައްމުލަކު ސިޓީ
• ލ.އަތޮޅު
• ގދ.އަތޮޅު
• ހއ.އަތޮޅު
• ވ.އަތޮޅު
• އދ.އަތޮޅު
• މ.އަތޮޅު
• ޅ.އަތޮޅު
"ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް މިހާރުވެސް 6 އަތޮޅެއްގައި ދަނީ ބާއްވަމުންނެވެ. އެއީ ގއ. އއ. ނ. ރ އަދި ބ. އަތޮޅެވެ.
މުޅި ރާއްޖޭގައި އެއްފަހަރާ ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާތަނަށް 50 އިންސައްތަ ރަށުގައި ބާއްވާފަވާއިރު، ދެން ބާކީ ހިމެނޭ އަތޮޅުތަކުގައި ބައްދަލުވުންތައްވެސް ވަރަށް އަވަހަށް ފެށުމަށް ތާވަލުކުރަމުންދާކަމަށް އެ ޓީމުން ވިދާޅުވެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި ރާއްޖޭގެ ތިމާވެށްޓާއި ޢުމްރާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.
މި ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ އަމާޒު ހިފާފައެވެ. އަދި މުޅި ޕްލޭން ޖެނުއަރީމަހު އިފްތިތާޙުކުރުމަކީވެސް ސަރުކާރުގެ ޢަމާޒެވެ.
މި ޕްލޭނަކީ ޤާނޫނީ ބާރު ލިބޭގޮތަށް އެކުލަވާލާ ދުރު ރާސްތާ ޕްލޭނެކެވެ. އަދި މިއީ 2045ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފަވާ ޤައުމަކަށް ހެދުމަށްޓާކާ ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.