ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ތަމްރީނުކޮށްފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ރަށްރަށުގައި އުޅެމުންދާ ޒުވާނުންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް ރިސޯޓްތަކުގެ ދާއިރާ ހިމެނޭހެން އެކި ރޮނގު ރޮނގުން ލިބެން ހުރި ވަޒީފާތައް ބަލައި ހުނަރުތައް ތަރައްޤީކޮށް ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކީ ލޯކަލް ޓުއަރިޒަމް އޮންނަ ރަށްތަކަށް ވުމާއެކު އެކި ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައެއް ރަށްތަކުގައި ތަފާތު އެކި ދާއިރާތަކުން ޒުވާނުންނަށް ތަމްރީނުކުމާއެކު މިހާރު އެ ކުދިން އަމިއްލައަށް އެ މަސައްކަތް ކުރާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރިސޯޓްތަކުގައި މިހާރުވެސް ތަމްރީނުވެފައިވާ ގިނަ ކުދިން މަސައްކަތް ކުރާމަށެވެ.
ޒުވާނުން ތަމްރީނު ކުރުމުގެ 208 ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވާކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން މިހާތަަނައް 2000އަށް ވުރެއް ގިނަ ކުދިން ތަމްރީނުކޮށްފައިވާކަމަށެވެ. މިގެ ތެރެއިން ގިނަ ކުދިންނަށް މިހާރުވެސް ވަޒީފާ ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކި ރަށްރަށުގައި މީހުން ދިރިއުޅޭ ރަށްރަށުގައިޔާއި ރިސޯޓްތަކަށް ފޯކަސް ކޮށްގެން ޒުވާނުންނަށް ވަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ދަނީ ހިނގަމުން. އެ ޕްރޮގްރާމްތައް ހުއްޓާނުލާ ކުރިއަށް ގެންދާނަން. މިހާރުވެސް މާލޭގައި ޔޫތް ހަބްގައި ޕްރޮގްރާމްތަކެއް ދަނީ ކުރިއަށް ގެންދަމުން. މުސްތަޤްބަލުގައި ސިޓީތަކުގައި ޔޫތްހަބްތައް ހެދިގެންދާނެ، އެތަންތަން މިނުމުން އެތަނުގައި ބޭސްވެގެން އެކަންކަން ކުރިއަށް ގެންދެވޭނެ" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އެކި ތަމްރީނު ޕްރޮގްރާމްތައް ހިނގަމުންދާއިރު ކުޅިވަރުގެ ދާއިރާއަށް ބެލިޔަސް ތަފާތުއެކި ޕްރޮގްރާމްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށާއި، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީވެސް ޕްރޮގުރާމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއެވެ.