ޚަބަރު

ހުޅުދޫ، މީދޫ އަދި ފޭދުގެ ވޯޓާސް ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފި


  • ޝަކުވާ ހުށައެޅޭނީ މާދަމާގެ މެންދުރުފަހު 03:00އާ ހަމައަށް

  • ވޯޓުލުން އޮންނަނީ މިމަހުގެ 25ވަނަ ދުވަހު

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފަވާގޮތާ ގުޅޭގޮތުން ނަގާ ވޯޓުގައި، ވޯޓު ދިނުމުގެ ޙައްގު ލިބިފަވާ މީހުންގެ ރެޖިސްޓްރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި ވޯޓުނެގުން ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފަވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިމަހުގެ 5ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށެވެ. މީގެތެރެއިން އައްޑޫ ހުޅުދުއާއި އައްޑޫ މީދޫގައި ނަގަނީ، ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫ އަދި މީދޫ ހިމެނޭހެން އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓެވެ.

ވޯޓުގެ ތައްޔާރުތަކުގެތެރެއިން އިލެކްޝަންސް ކޮމިޝަނުން މިވަނީ، ވޯޓު ލެވޭ މީހުންގެ ލިސްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ. ޖުމްލަ 9577 މީހުންގެ ލިސްޓެއް ވަނީ ނެރެފައެވެ.

ވޯޓު ލެވޭ އާބާދީ:

މީދޫ - 2348
ހުޅުދޫ - 2874
ފޭދޫ - 4355

މި ލިސްޓު ކޮމީޝަނުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ގެޒެޓު، އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް އަދި އައްޑޫ ސިޓީގެ ފެދޫ، ހުޅުދޫ އަދި މީދޫ އަވަށު އޮފީސްތަކުގައި އާއްމުކޮށް ފެންނަން ހުންނާނެއެވެ.

ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފަވަނީ މާދަމާގެ މެންދުރު ފަހު 03:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށައެޅޭނީ ކޮމިޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ މި ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މާލޭފައި 7 ވޯޓު ފޮށި ބަހައްޓައެވެ.