ޅ. އަތޮޅު އޮޅުވެލިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ އިސްވެރިން އަދި އެރަށު ކައުންސިލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އަހުމަދު ޝިޔާމް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ޅ. އަތޮޅު އޮޅުވެލިފުށީގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 18 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭންފަށާފައެވެ.
އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، އެބޭންކުގެ އަމާޒަކީ މިމަޝްރޫޢު މިއަހަރުގެ ތެރޭގައި ނިންމާލުންކަމަށް އެ ބޭންކުން ވިދާޅުވިއެވެ.