ޚަބަރު

އައްޑޫ ޑަކް ޕާކުގައި ދޫންޏާއި މަސްތައް މަރުވަމުންދާ މައްސަލަ ބަލަނީ


  • ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ބަޔަކު ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް

އައްޑޫ ސިޓީ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތަކެއް މަރުވަމުންދާ މައްސަލައެއް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ އަސްދޫނިތަކަށް ޚާއްސަ ސަރަޙައްދެއްކަމަށްވާ ޑަކް ޕާކުގައި އުޅޭ ގިނަ ޢަދަދެއްގެ ދޫނިތަކާއި މަސްތަކެއް ބަޔަކު ގަސްތުގައި މަރާލާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ތަޙުގީގުކުރަމުންދާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ހުޅުދޫ ޑަކް ޕާކުގައި ގިނަ ޢަދަދެއްގެ ދޫނިތަކާއި، މަސްތައް މަރުވެފައިވާ މަންޒަރު ފެނެއެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީގެ ކުޅިއަކަށް ކްލޮރިން އެޅުމުގެ ސަބަބުންވެސް ގިނަ ޢަދަދެއް މަސްތަކެއް މަރުވުމުގެ މައްސަލައެއްވަނީ ފެންމަތިވެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ ގުދުރަތީގޮތުން ދޫނިއަދި މަސް އާލާވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ދޫނިތަކާއި، އެކި ދުވަސްވަރު ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ޤާނޫނުތަކުން އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން އެތަންތަނާއި އެދިރުންތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އެއަށް ގޯނާކުރުން މަނާކޮށްފައިވާ ދިރުންތަކެކެވެ.