އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ބޭކާރުކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރިނަމަވެސް، ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޅ.އޮޅުވެލިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެެހެއްޓުމަކީ ޒަމާނަށް ނުފެތޭ ކަމެއްގެގޮތުގައި ސިފަކޮށް، އިދިކޮޅު ފަރާތްތަކުގެ ފާޑިކިޔުން އެކަމަށް ކުރިމަތިވަމުން އަންނަކަމަށެވެ. ނަމަވެސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރުކަމަށާއި، ރައްޔިތުން އެންމެ އެދޭ ކަންކަމުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ރައޔްިތުންނާ ގާތުން ފޯރުކޮށްދެއްވުންކަމަށްވާއިރު، އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ.
ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްނުކޮށް އޮތީ މީހުން ދިރިއުޅޭ 10 ރަށެއްގައިކަމަށްވާއިރު، ކުރިއަށް އޮތް ވިއްސައްކަ ދުވަސްތެރޭ މި ރަށްރަށުގައިވެސް އޭޓިއެމްގެ ޚިދުމަތް ޤާއިމްކޮށް، މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ސަރުކާރުން ނިންމާލައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑުމެން އެކި ރަށްރަށަށް ދަތުރުކުރާއިރު، ރައްޔިތުންގެ ފަރާތުން އޭޓީއެމްއެއް ބޭނުންވާ ވާާހަކަ އަބަދުވެސް އިވޭ. ރައްޔިތުންނަށް މި ޚިދުމަތްތައް މުހިންމުވާ ވާހަކަ، ރަށްރަށަށް ދިޔައިމަ ރައްޔިތުންވެސް އެންމެ ގިނައިން ރިކުއެސްޓް ކުރާ ކަންތަކުގެ ތެރޭގަ އޭޓީއެމް ގެ ވާހަކަ ހިމެނޭ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ބީއެމްއެލްގެ ޚިދުމަތްތައްވެސް ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން އަންނަތަން." ވަޒީރު ވިދާޅުވިއެވެ.
ބީއެމްއެލް އޭޓީއެމްގެ ޚިދުމަތަކީ މީގެކުރިން ކޮންމެ ރަށެއްގައި ޤާއިމްކޮށްފައި ހުންނަންޖެހޭ ހިދުމަތަކަށްވާއިރު މި މަސައްކަތް މި ސަރުކާރުން ފައްޓަވައިގެން ހަލުވި ދުވެލީގައި ކުރިއަށްދާ މައިގަނޑު ސަބަބަކީ، ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ވެރިޔަކު ސަރުކާރު ހިންގަން މިހާރު ހުންނެވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭޓީއެމް ހިދުމަތުގެ އިތުރުން. އައިޑީކާޑާއި، ޕާސްޕޯޓުގެ ޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ އިންތިޒާމްވެސް މި ސަރުކާރުން ހަމަޖައްސަވައި، އެކަންކަން ހިނގަމުންދާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.