ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅިރާއްޖެއަށް ހުދު ސަމާލު!


  • ސަމާލު ނެރެފައިވަނީ މިރޭ 9:00އިން މެންދަމު 3:00އަށް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅިރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 9:00އިން މެންދަމު 3:00އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.