އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް ލަނޑު ޖެހި ތަޖިކިސްތާނުގެ މުހިންމު ފޯވާޑް ޝަހްރޮމް ޝަމިއޭވް މާދަމާ ކުޅޭ މެޗަށް ސަސްޕެންޑް ވެއްޖެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް އޭނާ ސަސްޕެންޑްވީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ. ޝަހްރޮމް އަކީ މިވަގުތު ތަޖިކިސްތާނުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ އެންމެ މުހިންމު ފޯވާޑެވެ. އިސްކޮޅުން ދިގު ފޯވާޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް 39 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިދީފަ އެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ކުޅެނީ އުޒުބަކިސްތާން ލީގުގަ އެވެ.
މި ދެ ގައުމު މާދަމާ ކުޅޭ މެޗަކީ ރާއްޖެ އަށް ވަރަށް މުހިންމު މެޗެކެވެ. ކޮލިފައިންގައި ރާއްޖެ އަށް އިތުރަށް ކުރިއަށް ދެވޭނީ މި މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީސްޓީމޯރާއި ފިލިޕީންސެވެ.
ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން ހުކުރު ދުވަހު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.