އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާގެ ޝަރަފުގައި އެ ކުލަބުން ޓްރިބިއުޓެއް ދީފިއެވެ. އޭނާއަށް މި ޓްރިބިއުޓް ދީފައިމިވަނީ މިހާރު ކުރިއަށްދާ މޭޖަރ ލީގުގައި މަޔާމީގެ ޗޭސް ސްޓޭޑިއަމުގައި 4-0 ތަފާތަކުން އެޓަލާންޓާ ޔުނައިޓެޑް ބަލިކުރި މެޗަށްފަހުއެވެ.
36 އަހަރުގެ ކުޅުންތެރިޔާވަނީ މި ސީޒަނަށްފަހު ކުޅުންހުއްޓާލާނެކަން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ދާދި ފަހުން އިއުލާންކޮށްފައެވެ. ސްޕެއިނުގެ ޑިފެންޑަރު ޖޯޑީ އަލްބާ ޕްލޭއޮފަށް ފަހު ރިޓަޔާ ކުރާނެކަން އިއުލާންކުރުމާއި ގުޅިގެން އޭނާގެ ކުލަބު އިންޓަ މައާމީއިންވަނީ ވަނީ އޭނާ ކުލަބަށް ކޮށްދީފައިވާ ޚިދުމަތަށް ތައުރީފުކޮށް ޝުކުރުއަދާކޮށްފައެވެ.
މެޗަށްފަހު އޭނާގެ އާއިލާއާއެކު ދަނޑަށް ނުކުމެ ސްޕޯޓަރުންނާއި މުޚާތަބުކުރަމުން ޖޯޑީ އަލްބާ ބުނީ އޭނާ 2023 ވަނަ އަހަރު ޓީމާއި ގުޅުމާއެކު ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ. އަދި އޭނާގެ ކާމިޔާބީގެ އަސްލަކީ އެންމެންގެ ފަރާތުން ލިބުނު ލޯތްބާއި އިތުބާރުކަމަށެވެ. އެހެންކަމުން ސަޕޯޓަރުންނާއި އާއިލާ އަދި ކުލަބު ހިމެނޭހެން އޭނާގެ ކެރިއަރުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް އޭނާވަނީ ޝުކުރުއަދާކޮށްފައެވެ.
"މަޔާމީގެ އެންމެހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެންމެ ފުރަތަމަ ދުވަހުންސުރެ ތިޔަ ފަރާތްތަކުން އަހަންނާ މެދު ބެހެއްޓީ ވަރަށް ބޮޑު ގާތްކަމެއް. އަހަންނަށް އިތުބާރުކޮށް ޓީމުން ދިން ފުރުސަތަށްޓަކައި ޓީމަށްވެސް ޝުކުރު އަދާކުރަން. ޓީމާއި އެކު މަސައްކަތް ކުރި އެންމެހާ ފަރާތްތަކާއި، އަދި މިކަމުގައި ކުޑަ ނަމަވެސް އެހީތެރިކަމެއް ދީފަވާ އެންމެން މިޝުކުރުގައި ޝާމިލުކުރަން. ތީގެން ކޮންމެ ފަރާތަކީ ކުޅުންތެރިންހާ މުހިންމު ފަރާތެއް" އަލްބާ ބުންޏެވެ.
އެމެރިކާގެ މޭޖަރ ލީގުގައި މި މަހުގެ 18 ވަނަ ދުވަހު މަޔާމީއިން ތައްޔާރުވަމުން އަންނަނީ ނޭޝްވިލްއާ ދެކޮޅަށް ނުކުތުމަށެވެ. މިލީގުގެ ޕްލޭއޮފްގެ މެޗުތައް ފަށާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ވައިލްޑް ކާޑުގެ މެޗުތަކުންނެވެ.
2027 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެ ކްލަބުގައި މަޑުކުރަން އަލްބާ ކޮންޓްރެކްޓް އައުކޮށްފަވީ ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ ގިނަ ވިސްނުންތަކަށްފަހު ރިޓަޔަރކުރަން ނިންމާފައިވާކަމަށެވެ.
2023 ވަނަ އަހަރު ސްޕެއިން އަށް ކުޅުން ހުއްޓާލާފައިވާ ޖޯޑީ އަލްބާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 93 މެޗު ކުޅެދީފަ އެވެ. އަދި ސްޕެއިން އިން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ޖޯޑީ އަލްބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ބާސެލޯނާ އާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖޯޑީ އަލްބާ ބާސެލޯނާ ދޫކޮށް އޭނާ އާއިއެކު ކުރިން އެ ޓީމަށް ކުޅުނު ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން ސާޖިއޯ ބަސްކޭސްގެ އިންޓަރ މަޔާމީ އަށް ބަދަލުވެފައިވަނީ 2023 ވަނަ އަހަރު އެވެ.
އެމެރިކާގެ މޭޖަރ ލީގުގެ ޕްލޭއޮފް އަށް އިންޓަރ މަޔާމީ ކޮލިފައިވެފައިވާއިރު މި ސީޒަން އެ ޓީމަށް ނިމޭނީ އަންނަ ޑިސެމްބަރ މަހުގަ އެވެ.