ދެކުނު އޭޝިއާ ސަރަޙައްދުގައި ބޭހަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތެއް ފެތުރެމުން ދިޔުމާ ގުޅިގެން، އެ ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް ބަންގްލަދޭޝްގައި ފަށައިފިއެވެ.
މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭންގެ މަޤްޞަދަކީ، ޓައިފޮއިޑް ކޮންޖުގޭޓް ވެކްސިން (ޓީސީވީ)ގެ އެއް ޑޯޒް ދީގެން ނުވަ މަހާއި 15 އަހަރާ ދެމެދުގެ އުމުރުފުރައިގެ ގާތްގަނޑަކަށް 50 މިލިއަން ކުދިންނަށް ވެކްސިން ދިނުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ މި ވެކްސިނަކީ ފަސް އަހަރާ ހަމައަށް ޓައިފޮއިޑް ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ މި ވެކްސިން ދޭނީ ހިލޭކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝުން ވެކްސިން ދިނުމުގެ މި ކެމްޕޭނު ފަށާފައިމިވަނީ، މުޅި ދެކުނު އޭޝިއާގައި ބޭހަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތްތަކެއް ފެތުރެންމުންދިޔުމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. 2016 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ދަނީ އެއް އެންޓިބަޔޮޓިކް ފިޔަވައި ގާތްގަނޑަކަށް ހުރިހާ އެންޓިބަޔޮޓިކްސް އަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތްތަކެއް ފެތުރުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝްގެ ސިއްޙީ ޚިދުމަތްތެރިން ކުދިންނަށް ވެކްސިން ދެމުންދަނީ ސްކޫލްތަކާއި ކްލިނިކްތަކާއި ދޮރުން ދޮރަށް ޒިޔާރަތްކޮށް، ފަގީރުންގެ އާބާދީ އިތުރު އަދި ދުރު ހިސާބުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. މި ކެމްޕޭނު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، އޭގެ ފަހުން ޓީސީވީ ބަންގްލަދޭޝްގެ އިމިއުނައިޒޭޝަން ޝެޑިއުލްގައި ހިމަނާނެއެވެ.
ސަލްމޮނެލާ ޓައިފީ ބެކްޓީރިއާ އިން ޖެހޭ ޓައިފޮއިޑް ހުމަކީ، ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި، ބޯއެނބުރުމާއި، ބަނޑުގައި ރިއްސުމާއި، މޭމަތީގައި ފިޔާތޮށި ކުލައިގެ ލައްތަކެއް ޖެހުން ހިމެނެއެވެ.