ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ގޮއިދުއަށް ވަޑައިގަންނަވައިފިއެވެ. މިއީ ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 3ވަނަ ރަށެވެ.
ތަރު ދުވަހުގެ މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގޮއިދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގޮއިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ގޮއިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ގޮއިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން އިމާރާތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.