މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި ސިފިލިސްއާއި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެވެއްޖެއެވެ. މިއާއެކު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ އެކަން ފަހަގަކޮށް ރާއްޖެއަށް މަރުހަބާ ކިޔާފައެވެ. މިއީ ސިއްޙީ ދާއިރާއިން ރާއްޖެ ހޯދި ބޮޑު ކާމިޔާބީއެކެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރާ އެއްކަމަކީ، އެއްއިރެއްގައި މުޅި ދުނިޔޭގައި ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީއެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބަލިތަކުގެ ނުރައްކަލަކީ އެބަލިތަކާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ނައްތާލުމަށް ދުނިޔޭގެ ކުދި ބޮޑު، ހުރިހާ ޤައުމަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބަލިތަކެކެވެ. ރާއްޖެއިންވަނީ މިފަދަ ބައެއް ބަލިތައް މީގެކުރިންވެސް ފެތުރުން ހުއްޓުވާ، އެ ބަލިތައް ރާއްޖެއިން ނައްތާލާފައެވެ.
މިފަދަ ބަލިތަކާއި ދެކޮޅަށް 1976 ވަނަ އަހަރު ފެށި ޤައުމީ ވެކްސިން ކެމްޕޭނަކީ ރާއްޖެއިން ދަމަހައްޓަމުންދާ މިފަދަ އެންމެ ބޮޑު ކާމިޔާބު ޕްރޮގްރާމެކެވެ. މިގޮތުން ހެޕެޓައިޑިސް ބީ ވެކްސިން ރާއްޖެއަށް ތަޢާރަފްކޮށް މިބަލިން އަރައިގަތުމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ފެށީ 1993 ވަނަ އަހަރުގައެވެ.
އެގޮތުން ތުއްތު ދަރިފުޅު ވިހެއުމާއެކު ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ދަރިފުޅަށް ހެޕެޓައިޑިސް ބީގެ ފުރަތަމަ ޑޯޒް ރާއްޖޭގައި އަންނަނީ ދެމުންނެވެ. ތުއްތު ދަރިފުޅަށް މާބަނޑުވާ ހިސާބުން އެޗްއައިވީއަށާއި، ހެޕެޓައިޑިސްގެ އެކި ބަލިތަކަށް ސްކްރީންކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގައި މަޖުބޫރުކަމެކެވެ.
މިމަސައްކަތުގެ ދަށުން، ރާއްޖެ މިވަނީ 32 އަހަރަށްފަހު ކާމިޔާބުކަމާއެކު މައިމީހާގެ ގައިން ތުއްތު ދަރިފުޅަށް ވާސިލުވާ ބަލިތަކުގެ ތެރެއިން ހެޕެޓައިޑިސް ބީ ޖެހުން ކޮންޓްރޯލްކޮށްފައެވެ. މިކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ޢިއުލާންކޮށްފައިވަނީ ސްރީލަންކާގައި މިހާރު ކުރިއަށްދާ ޑަބްލިއެޗްއޯގެ ދެކުނުއިރުމަތީ އޭޝިއާ ސަރަޙައްދުގެ، ސަރަޙައްދީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިންނެވެ.
ރާއްޖެއިންވަނީ 2019 ވަނަ އަހަރު ސިފިލިސްއާއި އެޗްއައިވީ މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހުން ކޮންޓްރޯލްކޮށްފައެވެ. މިއާއެކު ރާއްޖެވެފައިވަނީ މިތިންބަލި މައިމީހާގެ ފަރާތުން ދަރިފުޅަށް ޖެހުން ހުއްޓުވާފައިވާ ފުރަތަމަ ޤައުމަށެވެ. މިއީ މުޅި ޤައުމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ. އެތައް އަހަރެއްވަންދެން ސިއްޙީ ދާއިރާގެ ބޭފުޅުންވި ޤުރުބާނީއެވެ.
Congratulations #Maldives 🇲🇻 for eliminating mother-to-child transmission of #hepatitisB!
— World Health Organization (WHO) (@WHO) October 13, 2025
The country is also maintaining
🏆 Elimination of mother-to-child transmission HIV
🏆 Elimination of mother-to-child transmission syphilis
(validated in 2019)
This historic achievement… pic.twitter.com/1L90LDVDMj
ތުއްތު ދަރިފުޅާއި މައިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ސިއްޙީ ޚިދުމަތްތެރިން ކޮށްދެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ފުރާނައަށް ނުރައްކާވެދާ މިފަދަ ބޮޑެތި ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އެދުވަހު ކުރި މަސައްކަތުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ.
ރާއްޖެއިން ދައްކުވައިދިނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ނަމޫނާއެވެ. ސިއްޙީ ނިޒާމު ހަރުދަނާކޮށް ބަލިތަކާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ އެންމެން އެއް މިސްރާބެއްގައި ކުރާ މަސައްކަތަކަށް ހެދުމުން ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުންވެސް، ގުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އޮތް ކުޑަ ޤައުމަކަށްވެސް އަރައިގަނެވިދާނެކަމެއްކަން ރާއްޖެއިން މިވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.