2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި ހަފްތާގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ހަމަޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 154 މިނިވަންކޮށް، ދުވަހަކުވެސް ފަލަސްޠީނަށް އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމުތަކަށް އަރުވައިލަން ޔަހޫދީން ނިންމައިފިއެވެ.
އެއްބަސްވުމުގެ ދަށުން ހޯމަ ދުވަހު ޔަހޫދީ ޖަލުތަކުން މިނިވަންވި 250އެއްހާ މީހުންނާއި ދެ އަހަރުގެ ޢުދުވާނުގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީިނުގެ 1،700 މީހުންގެ ތެރެއިން ބަޔަކު އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމަކަށް ފޮނުވައިލާކަން ފަލަސްޠީނިއަން ޕްރިސަނަރސްގެ މީޑިއާ އޮފީހުން ވެސް ވަނީ ޔަޤީންކޮށްދީފައެވެ. ނަމަވެސް އެ މީހުން ފޮނުވާލަނީ ކޮން ޤައުމަކަށްކަން ސާފެއް ނުވެއެވެ. ޔަހޫދީން މިނިވަން ކުރުމަށް އެއްބަސްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނާމެދު މި ފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމަށް ނިންމާފައިވާއިރު، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން އެއްބަސްވުމާ އެއްގޮތަށް މިނިވަންކޮށްފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޙަމާސްއާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލުކުރި އިރު ވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތޫނިސްއާއި އަލްޖަޒާއިރާއި ތުރުކީވިލާތް ހިމެނޭ ގޮތަށް އަނބުރާ ޤައުމަށް ނާދެވޭނޭހެން ސަރަޙައްދީ ޤައުމުތަކަށް މީހުން އަރުވާލައިފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި މަޖުބޫރުން ބަޔަކު އެހެން ޤައުމަކަށް އަރުވައިލުމަކީ މިނިވަންވި ފަލަސް ޠީނުގެ ރައްޔިތުންގެ ރަށްވެހިކަމުގެ ހައްޤުތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޔަހޫދީންގެ ހީލަތްތެރިކަން ދައްކުވައިދޭ ކަމަށް ވެސް އެ މީހުން ބުނެއެވެ.
ޔަހޫދީންގެ ނިންމުމާއެކު މިނިވަންވި ޣައްޒާގެ ޤައިދީންނާއި އަސީރުންގެ ޢާއިލާތަކަށް ވަނީ އަނެއްކާ ވެސް އިތުރު ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައެވެ. ބޭރު ޤައުމުތަކަށް ޤައިދީންނާއި އަސީރުން އަރުވައިލުމުން ޢާއިލާތަކާ އެ މީހުންނާ ބައްދަލު ކުރުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެއެވެ. އެއީ ޣައްޒާގެ ސަރަޙައްދީ ރޮނގުތަކުގައި ހިނގަނީ ޔަހޫދީންގެ ބާރު ކަމަށް ވާތީއެވެ. އެ ޤައުމުތަކަށް ދިޔުމަށް ޔަހޫދީން ޢާއިލާތަކަށް ފުރުޞަތު ދިން ކަމުގައި ވި ނަމަވެސް އެ ފަދަ ޙާލަތެއްގައި އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް ޢާއިލާތަކަށް ވެސް މަޖުބޫރުވާނެއެވެ.
ފަލަސްޠީނުގެ ޤައިދީންނާއި އަސީރުންނާމެދު ޔަހޫދީން މި ގޮތަށް އަމަލުކުރުމުގެ މަޤްޞަދަކީ ޙަމާސްއާއި ފަލަސްޠީނުގެ އެހެނިހެން ޖަމާޢަތްތަކަށް ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން އެއްވެސް ރަމްޒީ ކާމިޔާބީއެއް ލިބުމުގެ ފުރުޞަތުން މަޙްރޫމް ކުރުމެވެ. އަދި އަރުވައިލެވޭ ޤައިދީން އެއްވެސް ސިޔާސީ ނުވަތަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުން މަޙްރޫމްކުރުމާއި ޢުދުވާނާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަން ޔަޤީން ކުރުމެވެ. އެ މީހުން އަރުވައިލެވޭ ޤައުމުތަކުގައި އެ މީހުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމަށް ބެލެވޭއިރު، ބައެއް ފަރާތްތަކުން އެ ނިންމުން ސިފަ ކުރަނީ ކުޑަ ގޮޅިއަކުން ނެރެ، ބީރައްޓެރި ބޮޑު ގޮޅިއަކަށް ލުމުގެ ގޮތުގައެވެ.