ޚަބަރު

އެއްބަސްވުމާ ޚިލާފުވެ ޔަހޫދީން ޣައްޒާގައި ދިން ޙަމަލާތަކެއްގައި 6 މީހުން ޝަހީދުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީންގެ ނިރުބަވެރި ފައުޖުން، ބަޑިން ޙަމަލާދީ، ފަލަސްޠީނުގެ ހަ މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، އެ ހަ މީހުން ޝަހީދުކޮށްލާފައިވަނީ، ޣައްޒާގެ ދެ ސަރަޙައްދެއްގައި ޔަހޫދީން ދިން ޙަމަލާތަކެއްގައި ކަމަށެވެ.

މި ޙަމަލާތައް ދީފައިވަނީ، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި ހަފްތާގެ ތެރޭގައި ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ 24 ގަޑިއިރުވެސް ނުވަނީސްއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން، ޔަހޫދީންނާއި ޙަމާސާ ދެމެދު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. މި ގޮތުން، 2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ވެސް ޔަހޫދީން އޮތީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރުން ކަމުގައިވާ މަރްވާން އަލް-ބަރްޤޫޘީއާއި އަޙްމަދު ސަޢަދާތު ހިމެނޭނެއެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓަމަކަށް ގެނެސް، އަސީރުން މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވުމާ އެކު ޒަޔަނިސްޓު ދައުލަތުގެ ރައްޔިތުން ވެސް ދަނީ އުފާ ފާޅުކުރަމުންނެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި މި ވަނީ، 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. އަދި، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އިމާރާތްތަކުގެ %92 ސުންނާފަތި ކޮށްލާފައިވާއިރު، އެ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000 މީހެއްގެ ހަށިގަނޑު ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ. ޔަހޫދީންގެ ޢުުދުވާނީ ޙަމަލާތަކުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.