ޚަބަރު

ތަޖިކިސްތާން ކޯޗުގެ ތައުރީފް ދިވެހި ކުޅުންތެރިންނަށް


އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ރާއްޖޭގެ ކުޅުންތެރިން މި މެޗުގައި ދެއްކީ ފުރަތަމަ މެޗަށްވުރެ މާ ތަފާތު ކުޅުމެއް ކަމަށް ތަޖަކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ.

ރާއްޖެ އަތުން 3-0 ކުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޖިކިސްތާނުގެ ކޯޗު ބުނީ ރާއްޖެއިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައްވެސް ހޯދި ކަމަށާއި، ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިންވެސް ފެނިގެން ދިޔަ ކަމަށެވެ.

ތަޖިކިސްތާނު ކޯޗު ބުނީ 3-0 ން މި މެޗުން މޮޅުވި ނަމަވެސް މިއީ އުނދަގޫ މެޗެއްކަމަށާއި ޕެނަލްޓީއަކުން ލީޑު ނެގިޔަސް ރާއްޖޭގެ ކުޅުންތެރިންގެ އެޓޭކުތައް ވަރަށް ވަރުގަދަ ކަމަށެވެ.

މެޗުގެ ކުރީކޮޅު ލީޑުނަގާ ގޭމު ކޮންޓްރޯލް ކޮށްގެން ކުޅެވުނު ކަމަށާއި، މެޗުގައި ގެނެވުނު ބަދަލުތަކާމެދުވެސް ހިތްހަމަޖެހޭ ކަމަށްވެސް ސްޓެވަންކޮވިޗް ބުންޏެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ތަޖިކިސްތާން މިވަނީ ގްރޫޕްގައި 10 ޕޮއިންޓް ހަމަކޮށް 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ޖެހިލާފައެވެ. ރާއްޖެއާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗުން ތަޖިކިސްތާނު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.