ޚަބަރު

އަންނަ އަހަރު މަރޮށީ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށްދޭނަން: ރައީސް


މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަޤީންކަންދެއްވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މަރޮށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، މަރޮށީ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށްޓަކައި އިތުރަށް ބޭނުންވާ މުވައްޒަފުން ހިމަނައިދީ، މުވައްޒަފުން ނެގުމުގެ ފުރުޞަތު ދެއްވާނެ ކަމަށާއި، މުވައްޒަފުން ލިބި ހަމަވުމުން ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އެރަށުގައި ފެށި ކޮންމެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދެއްވައި، ބޭނުންވާ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢަކީވެސް ރަށަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ވަޢުދެއްކަމުގައި ވިދާޅުވިއެވެ. މި މަޝްރޫޢުގައި ހިމެނިގެން 14.5 ހެކްޓަރުގެ ބިން ހިއްކައި ނިމުމުން، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކޫލްތައް އޭ.ސީ. ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، އޭ.ސީ. ކުރައްވާނީ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް ކަމުގައި ހާމަކުރެއްވިއެވެ. އެހެންނަމަވެސް މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރަށް ހޯލުވެސް އޭ.ސީ. ކޮށްދެއްވާނެ ކަމަށާއި އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެރަށުގައި އިތުރު މަލްޓިޕަރޕަސް ހޯލެއް ހައްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މަރޮށީ މަގުހެދުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން، އިތުރު ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން، ބައެއް މުހިންމު މަގުތަކުން އެހެން މަގުތަކަށް ދިއުމަށް ހުންނަ ބައެއް ހުރަސް މަގުތައް، މަޝްރޫޢަށް އިތުރުކުރައްވާނެ ކަމަށާއި އަދި މަޝްރޫޢުގެ ސްކޯޕް ބަދަލުކުރުމުގެ ޤަވާޢިދުގައި އޮންނަ އެންމެ ބޮޑަކަށް، އިތުރު ގޯޅިތަކާއި މަގުތައް ހިމަނައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަރޮށީ ރައްޔިތަކު ހާމަކުރެއްވިގޮތުގައި، ޒަމާނުއްސުރެ އެރަށަކީ އަޅާނުލާ ދޫކޮށްލެވިފައިވާ ރަށެއްކަން ފާހަގަކުރައްވައި، ސަރުކާރުން މިއަދު ފެއްޓެވި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް، އަވަސް ފުރުޞަތެއްގައި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ.