މާލެއިން ފުރައިގެން މިއަތޮޅު އެރިޔަދޫއަށް ދަތުރުކުރަމުންދަނިކޮށް ރޭ ފަތިހު ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ލަންކާ މީހާ ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލު ބޭރުން ހިނގި މިހާދިސާގައި ބަންޑުން ޖަހާލާފައިވަނީ 7 މީހުންނާއެކު ދަތުރުކުރަމުންދިޔަ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި 3 މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެތެރެއިން ދެ މީހަކު ވަނީ ނިޔާވެފައި އޮތްވާ ފެނިފައެވެ. ނިޔާވެފައި އޮތްވާ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ ދިވެއްސަކާއި އިންޑިއާ މީހެކެވެ. އަދި ގެއްލުނު 3 ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެއީ ލަންކާ މީހެއްކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.
މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ މި ހާދިސާގައި ސަލާމަތް ކުރެވުނު ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް ދެއްވާނެކަމަށާއި އަދި ގެއްލިފައިވާ މީހާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރައްވާނެކަމަށެވެ.
ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓި ބަންޑުން ޖަހާލައި އަޑިއަށްދިއުމާ ގުޅިގެން އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.