އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސައުދީ އަރަބިއްޔާގެ ސާލިމް އަލްދައުސާރީއަށް ދީފިއެވެ.
މިއީ އަލް ހިލާލަށް ކުޅޭ ސައުދީގެ ސުޕަ ސްޓާރަށް މި މަގާމު ލިބުނު ދެވަނަ ފަހަރެވެ.
މީގެ ކުރިން މި މަގާމު ދެ ފަހަރު ހޯދާފައިވަނީ ތިން ކުޅުންތެރިއެކެވެ. އެއީ 2019 އަދި 2023 ގައި އެވޯޑް ހޯދައިގެން ގަތަރުގެ އަކްރަމް އަފީފާއި 1997 އާއި 1 998ގައި އެވޯޑް ހޯދައިގެން ޖަޕާނުގެ ހިޑެޓޯޝީ ނަކާޓާ އާއި 2008 އާއި 2011 ގައި އެވޯޑް ހޯދައިގެން އުޒުބަކިސްތާނުގެ ސާވާ ޖެޕަރޯވެ.
ދައުސާރީއަށް އެވޯޑް ރޭ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާގެ ކިންގް ފަހުދު ކަލްޗަރަލް ސެންޓަރުގައި ބޭއްވި އޭއެފްސީ އެވޯޑް ހަފުލާގައެވެ.
އޭނާ ވަނީ ހުސްވި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން އޭއެފްސީ ޗެމްޕިއަންސް ލީގުގައި 10 ލަނޑު އަދި ސައުދީ ލީގުގައި 15 ލަނޑު ޖަހާފައިވެއެވެ. ސައުދީ އާއި ދުނިޔޭގެ ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ބަލިކުރަން ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.
ރޭގެ އެވޯޑް ހަފުލާއި އޭޝިއާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ޖަޕާނުގެ ހަނާ ތަކަހާޝީ އަށެވެ. މިއީ 25 އަހަރުގެ ކުޅުންތެރިޔާ މި އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.