ހޭންޑްބޯޅައިން ދެކުނު އޭޝިއާގެ ވަރުގަދަ ގައުމަކަށް ވުމަކީ އަމާޒެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.
ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ 17 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމާއެކު ބަހްރައިންއަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުޖުތަބާ ވިދާޅުވީ އުންމީދަކީ ހޭންޑް ބޯޅައިން ދެކުނު އޭޝިއާގެ ވަރުގަދަ ޓީމަކަށްވުންކަމަށެވެ. އަދި އެއަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ ހޭންޑް ބޯޅަ ޓީމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދެމުން އަންނަކަމަށެވެ.
މުޖުތަބާ ވިދާޅުވީ އޭޝިއަން ޔޫތު ގޭމްސްގެ ހޭންޑްބޯޅަ މުބާރާތުގައި ދެކުނު އޭޝިއާއިން ހަމައެކަނި ވާދަކުރަނީ ރާއްޖެކަމަށެވެ. އެހެންކަމުން މިމުބާރާތުގައި މުޅި ދެކުނު އޭޝިއާ ތަމްސީލުކުރުމުގެ ޝަރަފު ރާއްޖެއަށް ލިބިފަވާއިރު، މުބާރާތުގައި ވާދަކޮށް މެޗު ތަޖުރިބާ ހޯދުމަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށްވާނެކަމަށް މުޖުތަބާ ދެކެލައްވައެވެ.
"އަޅުގަނޑުމެން މިބައިވެރިވީ އަނެއްހެން ދަންނަވާކަމަށްވަންޏާ ސައުތު އޭޝިއާވެސް ރެޕްރެޒެންޓް ކުރަން. އެއީ ރާއްޖެ ފިޔަވާ އެހެން ސައުތު އޭޝިއާގެ ގައުމެއް މިމުބާރާތުގައި ބައިވެރިވެފައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް އައު ތަޖުރިބާއެއް ކުރެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ މި ބައްރުގެ ވަރުގަދަ ޓީމަކަށްވާން" މުޖުތަބާ ވިދާޅުވިއެވެ.
އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު އަމާޒަކީ ކޮންމެހެން ތަށްޓެއް ހޯދުން ނޫންކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިމުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުމެ ހިފަހައްޓާލެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް އޭނާ ހާމަކުރެއްވިއެވެ. މުޖުތަބާ ވިދާޅުވީ މިމުބާރާތުގައި ބައިވެރިވާ އެހެން ގައުމުތަކަކީ އެތައް ދުވަހެއްގެ ތަޖުރިބާއިން ފައްކާކޮށްފައިވާ ޓީމުތަކެއްކަމަށެވެ. އެހެންކަމުން އެފަދަ ޓީމުތަކާ ވާދަކޮށްލަން ލިބުމުން ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫކުރައްވާކަމަށް މުޖުތަބާ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން ކުޅޭނީ މިއަށްވުރެ މާވަރުގަދަ ޓީމުތަކާ، އެހެންވީމަ އުންމީދު އެބައޮތް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެފަރާތްތަކާ ހިފަހައްޓާލެވޭނެކަމުގެ ޔަގީންކަން. އެކަމު އަޅުގަނޑުމެންނަކަށް ތަށި ހިފައިގެން އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެ. އެއީ ވަރަށް ވަރުގަދަ ޓީމުތަކާ އަޅުގަނޑުމެން ކުޅޭނީ" މުޖަތަބާ ވިދާޅުވިއެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ހޮންގކޮންގ އަދި ބަހްރައިން ފަދަ ވަރުގަދަ ގައުމުތައް ހިމެނެއެވެ. މުޖުތަބާ ވިދާޅުވީ އެއީ ވަރުގަދަ ޓީމުތަކެއް ނަމަވެސް ކާމިޔާބަށް ކުރާ އުންމީދު ފަނޑުވެގެންނުދާކަމަށެވެ. ކާމިޔާބީއަކީ ގިނަ ދުވަހުގެ ބުރަ މަސައްކަތުން ހޯދޭނެ އެއްޗެއްކަމަށާ ކާމިޔާބަށް ދެކޭ ހުވަފެން ދުވަހަކުވެސް ގެއްލިނުދާނެކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އޮތީ ބަހްރައިންއާ ސައުދީއާ މިޓީމުތަކާ އެކުގަ ކުޅެން. އެހެންވީމަ ވަރަށް ވަރުގަދަ މެޗުތަކެއް މި ކުޅެވިގެންދަނީ. އެހެންވީމަ އުންމީދުކުރަން، ކާމިޔާބު ހޯދުމުގެ ވިސްނުމާ ފިކުރު އަޅުގަނޑުމެންގެ ދުވަހަކުވެސް ގެއްލި ނުދޭ. މިހުވަފެން ހަމަ ދެކެން. އެކަމަކުވެސް އެއްދުވަހަކުން ހުވަފެނެއް ކާމިޔާބެއް ނުވާނެ. އެކަންވާން ދުވަސް ނަގާނެ" މުޖަތަބާ ވިދާޅުވިއެވެ.
އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ރާއްޖެއިން މިމަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެއަށްފަހު 20 ވަނަ ދުވަހަށް ބަހްރެއިންއާ ކުޅޭ މެޗު ތާވަލުކޮށްފަވާއިރު، 23 ވަނަ ދުވަހު ނުކުންނާނީ އުރުދުންއާ ދެކޮޅަށެވެ. އަދި 25 ވަނަ ދުވަހު ރާއްޖެ އަދި ހޮންގކޮންގ ބައްދަލުކުރާނެއެވެ.
މިމަހުގެ 22 އިން 31 އަށް ބަހްރައިންގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި 45 ގައުމަކުން 8 ހާހަށްވުރެ ގިނަ އެތުލީޓުން 25 ކުޅިވަރެއްގައި ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.