ދުނިޔެ

ބޮމުގެ ހަމަލާދިނީ 12 އަހަރާއި 14 އަހަރުގެ ދެ ކުދިން- ތުރުކީ


ހޮނިހިރުދުވަހު ތުރުކީ ވިލާތުގެ ގެޒިއަންޓެޕްގައި ދިން ބޮމުގެ ހަމަލާއަކީ 12 އަހަރާއި 14 އަހަރުގެ ދެކުދިން ބައިވެރިވެގެން ދިން ހަމަލާއެއްކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

ގެޒިއަންޓެޕްގައި އޮތް ކައިވެނީގެ ހަފްލާއަކަށް ޢަމާޒުކޮށް ދިން މިޙަމަލާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ ފަންސާހަށްވުރެ މައްޗަށް އަރާފައެވެ. މިހަމަލާގައި ހަތްދިހައެއްހާ މީހުން ޒަޚަމްވެފައިވާއިރު، މީގެތެރެއިން 17 މީހުންނަކީ ސީރިއަސް އަނިޔާތަކެއް ލިބިފައިވާމީހުންނެވެ.

ތުރުކީގެ ރައީސް ވިދާޅުވީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން މިހަމަލާއަކީ އައި.އެސް ހަނގުރާމަވެރިން ދިން ހަމަލާއެއްކަމަށް ބެލެވޭކަމަށެވެ.

ތުރުކީގެ ކުރުދީންގެ ޕާޓީއެއްކަމަށްވާ ކުރްދިސްތާން ވޯކަރސް ޕާޓީ، ޕީކޭކޭއިން ބުނީ ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއްގެ ކައިވެނީގެ ހަފްލާއަށްކަމަށެވެ.

މިހަމަލާދީފައިވަނީ ހަފްލާގައި ބައިވެރިވި މީހުން މަގުމައްޗަށް ނުކުތްވަގުތާއި ދިމާކޮށެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި ތިންމަހުގެ ތުއްތު ކުއްޖެއްވެސް ހިމެނެއެވެ.

ހަމަނުޖެހުން އުފެއްދުމުގެ މަޤްސަދުގައި އައި.އެސް ހަނގުރާމަވެރިންވަނީ ތުރުކީގެ ކުރުދީން ގިނަ ސަރަހައްދުތަކަށް ޢަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. މިގޮތުން ދެވުނު އެންމެ ނުރައްކާތެރި ހަމަލާދީފައިވަނީ މިދޔަ އޮކްޓޫބަރުމަހު ކުރުދީންގެ މުޒާހަރާއަކަށް އަމާޒުކޮށެވެ. މިހަމަލާގައި 100އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.