ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް: ފުރަތަމަ މަންޒިލަކަށް މާވަށް


  • މާވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވާނެ

  • މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވާދެއްވާނެ

  • ލ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާވަށަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.

ލ. މާވަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާވަށަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ލ. މާވަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވާދެއްވުމާއި، އެރަށުގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅުއްވާދެއްވުމުގެ އިތުރުން، އެރަށު ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް ފަށްޓަވާދެއްްވުމަށް ވަނީ ހަަމަޖެހިފައެވެ.

މީގެ އިތުރުން، މާވަށުގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވުމާއި، އެރަށުގެ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާދެއްވުމުގެ އިތުުރުން އެރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައިވެސް، ރައީސްގެ އަރިހުގައި ދައުލަތުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.