ލ. މާވަށުގައި ޤާއިމުކުރާ ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށްޓަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.
މާވަށުގައި ޤާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީނާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
މާވަށުގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ޤާއިމްކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢުތައް ތަރުތީބުކޮށް، ދަނީ ހިންގަމުންނެވެ.