އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަކީ އިނގިރޭސި ޕްރިމިއަރ ލީގުގައިވެސް ކޯޗުކޮށްދެވޭ ފެންވަރުގެ ކޯޗެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލެ އާޓެޓާ ބުނެފިއެވެ.
އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
"އޭނާ އަކީ އަހަރެން ވަރަށް ބޮޑަށް އޭނާގެ މަސައްކަތް ބަލައިގަންނަ ކޯޗެއް. އޭނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ބިނާކޮށްފައިވާ ކޯޗެއް. އަހަރެންނަށް އެންމެ ފާހަގަ ކުރެވެނީ އޭނާގެ ޝައުގުވެރިކަން. އަހަރެން އޭނާގެ ފުށުން ވަރަށް ގިނަ ކަންކަން ދަސްކުރި ކޯޗެއް ސިމިއޯނީ އަކީ. ދެން އޭނާ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާ ނެރުމަކީ ޔަގީނުން ވެސް އޭނާ އަށް އިނގިރޭސި ލީގުގައި މޮޅު ކަންތައްތަކެއް ކުރެވިދާނެ ކަމުގެ ހެއްކެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ މި ދެ ޓީމު މުހިންމު މެޗަކަށް ނުކުންނައިރު އެތުލެޓިކޯގެ އެންމެ ހާއްސަ ކަމަކީ ޓީމުގެ އޮގަނައިޒިން ކަމަށެވެ.
"އެ މީހުން ކުޅޭތަން ބަލާލީމަ ފެންނާނެ ކޮންމެ ވަގުތަކު ވެސް ޓީމުގެ އޮގަނައިޒްކަން. އަނެއްކާ އެހާމެ ޑިސިޕްލިން. މިހެންވީމާ އެމީހުން ބަލި ކުރަން ވަރަށް އުނދަގޫވާނެ. އަހަރުމެން މި މެޗާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. ސަބަބަކީ މިކަންކަން ރަނގަޅަށް ހުރި އިރު ޓީމުގައި އެ ތިބީ ވަރަށް މޮޅު ކުޅުންތެރިން،" ކޯޗު ބުންޏެވެ.
ސިމިއޯނީ އެތުލެޓިކޯއާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އާޓެޓާ އަކީ މިވަގުތު އިނގިރޭސި ލީގުގެ ކޯޗުންގެ ތެރެއިން ދެ ވަނަ އަށް ޓީމެއްގައި އެންމެ ގިނަ ދުވަސް ކޯޗެވެ. އޭނާ ޓީމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ.
މިހެންވެ މި މެޗުގެ ކުރިން މި ދެ ކޯޗުންނަށް މީޑިއާގެ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ.