ޚަބަރު

"ދާރުއްސަލާމް" ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި


  • ފުރަތަމަ އެ ޢިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާންކުރީ މިދިޔަ މަހުގެ 19ގައި

  • މިމަހުގެ 23ގެ ކުރިން ބީލަމުގައި ބައިވެރިވާން އެދޭ ކުންފުނިތަކުން ރަޖިސްޓްރީކުރަންޖެހޭނެ

ހުޅުމާލޭގައި ތަރައްޤީކުރާ ވަޤްފު އިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ބަޔަކުހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މި އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ފުރަތަމަ އިޢުލާންކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިލްޑް އެންޑް މެއިންޓެނެންސް އުޞޫލުން "ދާރުއްސަލާމް" ޢިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކެޓަގަރީ GC-01-1 ގެ ކުންފުނިތަކަށް ކަމަށެވެ.

މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 16:00 ޖެހުމުގެ ކުރިން ބީލަމުގައި ބައިވެރިވާން އެދޭ ކުންފުނިތަކުން ރަޖިސްޓްރީކުރަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރުއެވެ.

އިތުރު މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މެއިލް [email protected] އަށް އީމެއިލްކޮށްގެން ހޯދޭނެއެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު ވަޤްފު އިމާރާތުގެ ގޮތުގައި ތަރައްޤީކުރާ ދާރުއްސަލާމް އިމާރަތްކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަަމަ ފިޔަވަހީގައެވެ.

ރާއްޖޭގައި މިވަގުތުހުރީ އެންމެ ވަޤްފު އިމާރާތެކެވެ. އެއީ މާލޭގައި ހުންނަ ދާރުލްއީމާނެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އެހެންނަމަވެސް ހުޅުމާލެއާއި މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވަޤްފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. ދާރުއްސަލާމް އިމާރަތް އެޅުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ.

މާލޭގައި ތަރައްޤީކުރާ ވަޤްފު އިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައި ވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއް ވެސް ސަރުކާރުން ވަނީ އިފްތިތާޙުކުރައްވާފައެއެވެ.