ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ފަރާތަކީ ފީފާގެ ރައީސް އެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ޖިއާނީ އިންފަންޓީނޯ އެވެ. އެފްއޭއެމުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)ގެ ދައުވަތަކަށް އިންފަންޓީނޯ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ. މިއަށްވުރެ މުހިންމީ މި ދަތުރުން ރާއްޖެ އަށް ވާނީ ކޮން ފައިދާއެއްތޯ ބެލުމެވެ.
ރާއްޖެ އަކީ އިންފަންޓީނޯގެ ޒައާމަތުގައި ވަރަށް ގިނަ އެހީތައް ލިބުނު ގައުމެކެވެ. ފީފާގައި ކުރިއަށްވުރެ ގިނަ މުހިންމު ގިނަ މަގާމުތައް ވެސް ލިބުނު ގައުމެކެވެ. އެތައް ދާއިރާތަކުން ރާއްޖެ އަށް ގިނަގުނަ އެހީތަކެއްވެސް ފީފާއިން ދިނެވެ. އިންފަންޓީނޯ ރައީސް ކަމަށް ވަޑައިގެންނެވީ ރާއްޖެ ފަދަ ގައުމުތަކަށް ފީފާއިން ދޭ ފައިސާ ގާތްގަނޑަށް ފަސް މިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމުގެ ވައުދާއެކުގަ އެވެ.
ފީފާއިން ރާއްޖެ އަށް ލިބުނު ފައިސާއިން މާބޮޑު ކަމެއް ކުރިތަން ފެންނާކަށް ނެތެވެ. ކިރިޔާ ވެސް ފެންނަން ހުރި ދެ ތަނަކީ ހުޅުމާލޭގައި އަޅަން ފެށި ފުޓްބޯޅަ ސްކޫލާއި ކަޅުތުއްކަލާ ކޮށި ކުރިމަތިން މާފަންނު ކުޅިވަރު އެކުވެނީގައި ގާއިމްކުރަން ފަށާފައިވާ އެފްއޭއެމުގެ ވަގުތީ އޮފީސް އިމާރާތެވެ.
އެފްއޭއެމުގެ ކުރީގެ މެނޭޖްމަންޓުގެ އިހުމާލުން މި ދެތަން ވެސް ވަނީ އަތުނުވާ ވަރަށް އެހެން ބައެއްގެ ކޮންޓްރޯލުގަ އެވެ. ވަގުތީ އޮފީސް އިމާރާތުގައި ނިމިފައިވަނީ ދެ ބުރި އެވެ. މިތަންތަނުގައި ވަނީ އެކިއެކި ވިޔަފާރި ގުދަންތައް ހަދައިފަ އެވެ. މިތަންތަން ވަނީ ތަނެއް ދޮރެއް ނޭނގޭ މިންވަރަށް އެކި ފަރާތްތަކަށް ކުއްޔަށްދީފަ އެވެ. މައްސަލައް ހުރީ ކޯޓުގަ އެވެ. މިއިމާރާތުގެ ކުރިމަތީގައި ފީފާގެ އެހީގައި އަޅަން އުޅުނު ޓާފް ދަނޑުގެ މަސައްކަތް އޮތީ ނުފަށަ އެވެ. ދާދި ފަހަކާ ޖެހެންދެން އެތަނުގައި ހުރީ އެކިއެކި ވަހިކަލްތައް ޓޯކޮށްފަ އެވެ. ގައު އަޅާ ސިމެންތީގެ މަސައްކަތްތަކުރާ ސައިޓްތައް ހަދައިފަ އެވެ.
އެފްއޭއެމާ ހަވާލުކޮށްގެން ސަރުކާރު ހަރަދުގައި ހުޅުމާލޭގައި އަޅަން އުޅުނު ފުޓްބޯޅަ ސްކޫލްގެ ބިން ވެސް ވަނީ ފޮތިފޮތިކޮށް އެކި ފަރާތްތަކަށް ކުއްޔަށް ދީފަ އެވެ. އެތަނުގައި ފުޓްބޯޅަ ސްކޫލެއް އަޅަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް އެއްވެސް ވަސީލަތެއް ނެތެވެ. މުޅި އިމާރާތް ވެސް ހުރީ ނުނިމެ އެވެ. ދަނޑުތަކެއް ނެތެވެ. ދިވެހި ފުޓްބޯޯޅައިގެ ހާލަތު ފީފާގެ ރައީސް ބައްލަވައިފިއްޔާ މިތަނުން އެކަނި ވެސް ފެނިވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ފުޓްބޯޅައި އިދާރާގެ މައި އޮފީހަކީ މިފްކޯ ކުރިމަތީގައި ހުރި ބޮޑު އިމާރާތެވެ. ކުރީގެ މެނޭޖްމަންޓުގެ ދޯދިޔާކަމުން އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ. އެތަނުގައި 20 ބުރީގެ އިމާރާތެއް ކުރަން އިއުލާނުކޮށް، ހެދުމަށްފަހު މިހާރު އެ މައްސަލަ އޮތީ ވެސް ކޯޓުގަ އެވެ. އިމާރާތް އަޅަން ދިން ފައިސާ އަށް ވެސް ވީނުވީއެއް ނޭނގެ އެވެ. އެއިމާރާތުގެ ކުރިމަތީގައި އޮތް ޓާފް ދެ ދަނޑަކީ ފީފާގެ ގޯލް ޕްރޮޖެކްޓްގެ އެހީގައި 2004 ވަނަ އަހަރު އެޅި ދެ ދަނޑެވެ. އޭގެ ފަހުން ތަފާތު ފަހަރުތަކުގައި މަރާމާތުކުރި އެވެ. އެންމެ ފަހުން އާބާތުރަ ފިލުވީ ޓޮމް އެފްއޭއެމަށް ވަޑައިގެން ކުލަބުގެ ޕްރެކްޓިހަށް ދަތިވާ ކަންކަން ހައްލުކުރެއްވުމަށް ކުރެއްވި މަސައްކަތުގަ އެވެ.
ގަލޮޅު ދަނޑުވަނީ ވީރާނާވެ، ބޭނުން ނުކުރެވޭ ވަރަށް ބޮޑުބައި ހަލާކުވެފަ އެވެ. އެފްއޭއެމް މިވަގުތު ހިންގަމުންދަނީ ވެސް ވަރަށް ދަތިކޮށް އެތަނުގަ އެވެ. ފީފާގެ ރައީސްއަށް މިމަންޒަރުތައް ފެނިވަޑައިގަންނަވާނެ އެވެ. ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާ ބައްދަލުވެވަޑައިގަންނަވާނެ އެވެ.
ދެން އޮތީ ދިވެހިންނަށް އޮތް އުފާވެރި ހަބަރަކީ ކޮބާ ހެއްޔެވެ؟ އެފްއޭއެމުގެ މިހާރުގެ ރައީސަކީ ހުށިޔާރު ބޭފުޅެކެވެ. ހަނި އެންގަލުން ހުށިޔާރުކަމާއެކު ގޯލް ޖެއްސެވި ގޮތަށް ހިންގުމުގެ ދާއިރާގައި ވެސް އޭނާ ހުށިހާރެވެ. ވަރުގަދަ ހަނގުރާމައަކަށް ފަހު އެފްއޭއެމުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވިދާޅުވީ އަހަރެއްގެ ތެރޭގައި ފުޓްބޯޅަ ވެއްޓިފައިވާ ވަޅުގަނޑުން ނެގުމަކީ އަމާޒަކަށް ހައްދަވާނެ ކަމަށެވެ.
އިންފަންޓީނޯ އަކީ ވެސް ވަރަށް ސާދާ އަދި ހުށިޔާރު ލީޑަރެކެވެ. ކަންކަމުގައި ހައްލު ހޯއްދައިވައިދެއްވާ ބޭފުޅެކެވެ. ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެވަޑައިގަތުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާ ބޭފުޅެކެވެ. މިހެންވުމުން އަހަރުމެން މަސައްކަތްކޮށްފިނަމަ މިހާރު ހުރި ދަތިތައް ހައްލުކުރަން ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ފީފާ މެދުވެރިވެގެން ހޯދިދާނެ އެވެ.
ދިވެހި ފުޓްބޯޅަގެ ކުރިމަގަށް ތަފާތު ރޮނގު ރޮނގުން ފީފާގެ އަވަސް އެހީތައް ހޯދިދާނެ އެވެ. ޓެކްނިކަލް ގޮތުންނާއި ކުލަބުތަކުގެ ހިންގުން ހަރުދަނާކުރުމަށާއި އެފްއޭއެމުގެ ހިންގުމާއި މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާ ކުރުމަށް ބޭނުންވާ ހުނަރާއި ވަސީލަތާއި ރޭވުންތެރިކަން ފީފާގެ ތެރެއިން ލިބުމަކީ މި ފުރުސަތުގައި ވަރަށް ގާތްކަމެކެވެ. އައު ސްޓޭޑިއަމެއް ބިނާ ކުރަން ފީފާއިން ވެސް އިންވެސްޓް ކުރުމަކީ ދާދި ގާތުގައިވާ ކަމެކެވެ.