12 ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތް އަންނަ އޮގަސްޓްމަހުގެ ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ހުޅުމާލޭ ކެރަމް އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސްވަނީ ހުޅުވާލާފައެވެ. އެގޮތުން ބައިވެރުވުމުގެ ފަހު ތާރީޚަކީ މިމަހުގެ 28 ކަމަށް ކަނޑައަޅާފައިވާއިރު، މުބާރާތުގެ ގުރުއަތުލުން ތާވަލުކޮށްފައިވަނީ 30 ވަނަ ދުވަހަށެވެ.
ޕްރައިވެޓް ކުންފުނިތަކަށްވެސް ވާދަކުރެވޭނެހެން އިންތިޒާމުކޮށްފައިވާ މިމުބާރާތުގައި ސިންގަލްސް، ޑަބަލްސް އަދި ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.
އިންޓަ އޮފީސް ކެރަމް މުބާރާތް ހަމަޖެހިފައިވާ ގޮތުން ހުރިހާ އިވެންޓެއްގެ ފައިނަލާއި ހަމައަށް މެޗުތައް ކުޅޭނީ 8 ބޯޑުގެ އެއް ސެޓަށް 45 މިނިޓަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ 8 ބޯޑުގެ އެއް ސެޓަށް އެއް ގަޑިއިރަށެވެ. މުބާރާތުގައި ވާދަކުރުގެ އުސޫލާއި ގަވާއިދުގެ އިތުރުން ބައިވެރިވުމަށް އެދޭ ފޯމު ވަނީ ގެޒެޓްކޮށްފައެވެ.
ފާއިތުވެދިޔަ އަހަރުގެ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްއެލްއެވެ. އަދި އަންހެން ޑިވިޝަނުގެ ޗެންޕިއަންކަން ހޯދީ އައިޖީއެމްއެޗްއެވެ.
އިންޓަ އޮފީސް ކެރަމް މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި އައު އެތްލީޓުން ފާހަގަވެގެންދާއިރު، މިމުބާރާތުގެ ތެރެއިން އެއްބައިވަންތަކަން އާލާކޮށްދީ ވާދަވެރި މާހައުލެއްގައި ކުޅިވަރުގެ ރޫހު އާލާކޮށްދެއެވެ.