ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާގުޅޭ އިސްތިރާޖީ ޕްލޭންތަކެއް ހަދަންޖެހޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަމަށް އެދިވަޑައިގަތީ "މޯލްޑިވްސް ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކޮންފަރެންސް" ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށްގެންދިޔަ، ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމާބެހޭ ކޮންފަރެންސްގައި އެކި ޖަރާސީމުތަކާއި ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ދުރާލާ ދެނެގަނެ، އެކަމަށް ޞިއްޙީ ޚިދުމަތްތެރިން ރައްކާތެރިވުމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، މަޝްވަރާކޮށްފައިވެއެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ޒިޔާރަތްކުރާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް އެ ތަނުން ބައްޔެއް ޖެހޭ ކަމަށެވެ. އަދި މިއީ ޞިއްޙީ ޚިދުމަތްތެރިން ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބަލި މީހުންނާއި ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ ޞިއްޙީ ޚިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުރާލާ ބަލިން ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމާ ބެހޭ ކޮންފަރެންސެއް ކޮންމެ އަހަރަކު އެއް ފަހަރު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބޭއްވުމަކީ އެމަނިކުފާނުގެ އިލްތިމާސްއެއްކަމަށެވެ. އަދި މިފަދަ ކޮންފަރެންސްތަކުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ބަލިތަކުން ރައްކާތެރިވުމަށް އިސްތިރާޖީ ޕްލޭންތަކެއް އެކުލަވާލުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. ވަޒީރު ވިދާޅުވީ މިފަދަ ކޮންފަރެންސްތައް ކުރިއަށްގެންދިއުމަށާއި، އިސްތިރާޖީ ޕްލޭން ތަންފީޒުކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.
"ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަގުބޮޑު ކަމެއް. އެއަށްވުރެ ބޮޑު އަގެއް ދައްކަންޖެހޭ ފެންވަރު ދަށް ޞިއްޙީ ޚިދުމަތަކަށް. ޞިއްޙީ ޚިދުމަތަކަށް އިންވެސްޓްކުރުމަކީ ޤައުމަކަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓް. ޞިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން ވަނީ ޞިއްޙީ ބަޖެޓު ބޮޑުކޮށްފައި. އަދި ދަނީ މި ދާއިރާއަށް ބޮޑު ހޭދައެއް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައު ބަލިތައް ތަޢާރަފުވެ، ބަލި ޖައްސާ ވަރުގަދަ ޖަރާސީމުތައް އުފެދެމުންދާއިރު، އެކަންކަމުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ހުރިހާ ތަނެއްގައި އިންފެކްޝަނުން ރައްކާތެރިވުމުގެ ނިޒާމުތަކެއް ޤާއިމުކޮށްފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. \
"އެމްސީޖީއެޗްގެ ހުރިހާ ހޮސްޕިޓަލްތަކެއްގައިވެސް އައިޕީސީ ކޮމިޓީތަކުން ވަނީ ނުރައްކާތައް ދެނެގަތުމުގެ ގަވާއިދުތަކާއި އުކުޅުތައް އެކުލަވާލާފައި. ކުރާ ހުރިހާ ކަމެއްގެ މައިގަނޑު އަސާސަކީ ރައްކާތެރިވުންކަމުގައި ބެލުން މުހިންމު. އަތްދޮވުމާއި ވެކްސިން ޖެހުމާއި އަމިއްލަ ރައްކާތެރިކަމުގެ އާލަތްތައް ބޭނުންކުރުމާއި ވަޒީފާގެ މާޙައުލުގައި ޞިއްހީ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު." ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމުގައި ރަނގަޅު ގޮތުގައި އެކަހެރިކުރުމާއި ޑިސްއިންފެކްޓްކުރުމާއި ޒިންމާދާރުކަމާއެކު އެންޓި ބަޔޮޓިކް ބޭނުންކުރަންޖެހޭ ކަމަށެވެ.
"މޯލްޑިވްސް ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކޮންފަރެންސް"ގެ ނަމުގައި ބޭއްވި އެއް ދުވަހުގެ ކޮންފަރެންސްގައި 11 އަތޮޅެއްގެ 17 ހޮސްޕިޓަލަކުން އޮފިޝަލުން ބައިވެރިވިއެވެ. އަދި ޔުނިވަރސިޓީތަކާއި ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކުންވެސް މި ކޮންފަރެންސްގައި ބައިވެރިވިއެވެ.