ޚަބަރު

ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލަނީ، 1 އަހަރުތެރޭ ޚިދުމަތް ފަށާނެ


  • 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި

  • ސަރުކާރުން އެދުނީ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންތަކުގައި ބޮޑު ހިލޭ އެހީއަކަށް

  • އަންނަ މަހު އަލުން ޕްރޮޕޯސަލަށް ހުޅުވާލަން ވަނީ ނިންމާފަ

ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހުށައެޅި ޝަރުތުތަކަށް ކުންފުނިތަކުގެ ޝަކުވާއޮތުމާއެކު، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނެސް، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެތެރޭގައި އަލުން ހުޅުވާލުމަށް ނިންމާފަވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް، ދަތުރުފަތުރާ ބެހޭ ވަޒީރާ ސުވާލުކުރެއްވީ، މިއަހަރުގެ މަރޗްމަހު ފެށުމަށް ނިންމާފަވާ އެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި އެ މަސައްކަތް ފަށާނެ މުއްދަތު އަދި އެ މަސައްކަތް ހަވާލުކޮށްފަވާ ކުންފުންޏާ ގުޅޭގޮތުންނެވެ.

މިކަމާ ގުޅޭގޮތުން ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލަށް ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާ ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެގޮތަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭގޮތަށްކަމަށެވެ.

ވަޒީރު ވިދާޅުވީ އޭރު ހުޅުވާލި ފުރުޞަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފަވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ.

"ހަމައެކަނި ޚިދުމަތުގެ ޓްކްސް ނަގާގޮތަށް އެކަނި އެކަން އޮންނަން ސަރުކާރުން ބޭނުން ނުވޭ. އެކަމުން ދަޢުލަތަށް އެންމެ ބޮޑު ފައިދާއެއް ހޯދޭނީ ކިހިނެތްތޯ ބެލީ. އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭންޖެހޭގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި." ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ސަރުކާރުން ނިންމާފަވާކަމަށެވެ. ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީގެ ތަޖުރިބާއަށް ބަލާފަ އާރްއެފްޕީއައް ލުއި ބަދަލުތަކެއް ގެންނާނަން. ޑިސެމްބަރުގެ ކުރިން ހުޅުވާލާ، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެންމެ އެކަށީގެންވާގޮތުގައި މި ޚިދުމަތް ދިނުމަށް، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރަފާވާ ޤައުމު އެމެރިކާގެ ސިވިލް އޭވިއޭވިއޭޝަންގެ މިންގަނޑުތަކާއި ރާއްޖޭގައި ދިރާސާއެއްވެސް ކުރިއަށްގެންސްފަވާކަމަށެވެ. މި ދިރާސާއިންވެސް އިނގިފަވާގޮތަށް، ވަކި ބާވަތްތަކުގެ ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ރައްކާތެރިކަމާއެކު ދެވޭނެކަން އިނގިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ 25 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިން އިރު، ހިތާމަވެރި 3 ހާދިސާއެއް ހިނގުމަކީ، ރައްޔިތުންގެ ހިތުގައި އެކަމާ މެދު ނުތަނަވަސްކަމެއް އަދިވެސް އޮތް ކަމެއްކަމަށެވެ. އެހެންކަމުން މި ދިރާސާއާއި އަދި ޚިދުމަތްވެސް ބައްޓަންކުރާނީ ސީ.އޭގެ މިންގަނޑުތަކަށް އެންމެ ރައްކާތެރިކޮށްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޚިދުމަތާއެކު ފަތުވެރިކަމުގެ ސިނާއަތަށް ދެވޭ ވަރަށް މުހިންމު ޚިދުމަތަކަށް ވާނެކަމަށާއި އިންސާނީ އެހީތެރިކަން ދިނުމުގައިވެސް އެހީއަކަށްވާނެކަމަށެވެ.