ޚަބަރު

ފީފާ އިން އާސިއާން ސަރަހައްދަށް ޚާއްސަ މުބާރާތެއް ބާއްވަނީ


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން އާސިއާން ސަރަހައްދަށް ޚާއްސަކޮށް ފީފާ އާސިއާން ކަޕްގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކުރިއަށްދިޔަ 47 ވަނަ އާސިއާން ސަމިޓް އާއި ދިމާކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ފުޓްބޯލް (އާސިއާން) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ފިފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ ވިދާޅުވެފައިވާ ގޮތުގައި މި މުބާރާތުގައި އާސިއާންގެ ހުރިހާ މެމްބަރު ގައުމުތަކަށް ވާދަކުރެވޭނެ އެވެ. އަދި މި މުބާރާތް ކުރިއަށްދާނީ 2021 ވަނަ އަހަރު ފީފާ އިން އިންތިޒާމްކުރި އަރަބް ކަޕް އާއި އެއް ފޯމެޓަކަށެވެ.

އާސިއާންގެ 11 މެމްބަރު ގައުމުގެ އިތުރުން އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އާއިއެކު މި މުބާރާތް ކުރިއަށް ގެންދާނެ ތާރީޚަކާއި އަދި ކުރިއަށް ގެންދާނެ ގޮތެއް ވަރަށް އަވަހަށް ފައިނަލްކޮށް އިއުލާން ކުރެވޭނެ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.

"މި މުބާރާތް ވެގެންދާނީ އާސިއާންގެ ގައުމުތަކުގެ އިތުރުން އޭޝިޔާގެ ފުޓްބޯޅަ އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި. އަދި މިއީ މި ސަރަހައްދުގެ ކުޅުންތެރިން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް." އިންފަންޓީނޯ ވިދާޅުވިއެވެ.