ޙަަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއްދީ 104 މީހުން ޝަހީދުކޮށްލުމަށް ފަހު، އެއްބަސްވުމަށް ޢަމަލުކުރުން މަތީ ދެމިހުންނާނެ ކަމަށް ޔަހޫދީން ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފައެވެ.
އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސީދާ ޢަމުރަށް ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލައިފައެވެ. ޙަމަލާދިން ސަރަޙައްދުތަކުގެ ތެރޭގައި މެދުތެރޭ ޣައްޒާގައި ހުންނަ ބުރީޖު ރެފިއުޖީ ކޭމްޕާއި ޣައްޒާ ސިޓީގެ ޞަބްރާ އަވަށާއި ޚާން ޔޫނިސް ހިމެނެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 46 ކުޑަކުދިންނާއި 20 އަންހެނުން ހިމެނޭ ކަމަށެވެ. މިއީ ޔަހޫދީން އެއްބަސްވުމާ ޚިލާފަށް ޙަމަލާ ދީފައިވާ ފުރަތަަމަ ފަހަރެއް ނޫނެވެ.
ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އެންމެ ފަހުގެ ޙަމަލާއަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ޙަމަލާތަކުގެ ސަބަބުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ނުރައްކަލެއް ނެތް ކަމަށެވެ. ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ހުރަސްނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހަކީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމްކުރި ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި ރޭގެ ގޮތުގައި ޣައްޒާގެ ބައެއް ރައްޔިތުން ވަނީ ސިފަކޮށްފައެވެ. މި ޙާލަތުގައި ފަލަސްޠީނުގެ ރައްޔިތުން ތިބީ ޞުލްޙައިގެ އެއްބަސްވުން ރޫޅިދާނެކަމުގެ ބިރުހީވެފައެވެ.