ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ އެ ޤައުމުގެ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫވްޚައިން އަގުބޮޑު ޖަވާހިރުތަކެއް ވަގަށް ނެގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ހަތަރު މީހަކު ރޯމާދުވާލު ލޫވްޙައަށް ވަދެ ފަރަންސޭސިވިލާތުގެ ކުރީގެ ރަސްރަސްކަލުންނާއި ރަނިކަނބަލުން ގެންގުޅުއްވި ތާރީޚީ އަދި އަގުބޮޑު ޖަވާހިރާއި ގަހަނާ ވަނީ ވަގަށް ނަގައިފައެވެ. ޖުލްލަ އަށެތި ވަގަށް ނަގާފައިވާއިރު އެ ތަކެތީގެ އަގު 102 މިލިޔަން އެމެރިކާ ޑޮލަަރަށް އަރައެވެ. އެ މީހުން ދާރުލްއާސާރަށް އެތެރެވެފައި ވަނީ އިމާރާތުގެ ބޭރުގައި އޮތް ޓްރަކެއްގައި އަޅާފައިވާ ކެރޭނެއް ބޭނުންކޮށްގެން މަތީ ފަންގިފިލާއެއްގެ ކުޑަދޮރާ ހަމައަށް ގޮސް، އެ ކުޑަދޮރު ތަޅާލައި އެތެރެއަށް ވަނުމަށް ފަހުގައެވެ. ވަގުން ވަނީ ޖަވާހިރުތައް ލާފައިވާ ބިއްލޫރި ފޮށިތައް ތަޅާލައި، އެ ތަކެތި ނަގައި، ސައިކަލުތަކެއްގައި އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.
އެ މައްސަލައިގައި މީގެ ކުރިން ވެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުން ވަނީ ވައްކަމުގައި ބައިވެރިވި ކަމަށް ‘ކޮންމެވެސް މިންވަރަކަށް’ އިއުތިރާފުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އޭގެ ފަހުން ވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ ލޫވްޚައިން ވައްކަން ކުރި ވަގުތު އެ ސަރަޙައްދުގައި ހުރި މީހެކެވެ.
އިތުރު ފަސް މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު, އޭގެ ތެރޭގައި ޖަވާހިރުތައް ނެގުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު މީހުންގެ ތެރެއިން އެކަކު ހިމެނެއެވެ. ކުރިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ހިމެނޭއިރު، ދެން ބައިވެރި ކަމަށް ބެލެވޭ ހަތަރު ވަނަ މީހާ މިހާތަނަށް ހޯދިފައެއް ނުވެއެވެ.
އެންމެ ފަހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެން ހިމެނޭ ހަތަރު މީހުން ވައްކަމުގައި އަދާކޮށްފައި ވަނީ ކޮން ދައުރެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ލޫވްޚައަކީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ދާރުލްއާސާރެވެ. އެ ދާރުލްއާސާރަށް އަހަރަކު 8.7 މިލިޔަން މީހުން ޒިޔާރަތް ކުރެއެވެ. މަޝްހޫރު ކުރެހުމެއް ކަމަށްވާ މޮނަ ލީސާ ވެސް ހުންނަނީ އެ ދާރުލްއާސާރުގައެވެ.
ލޫވްޚަ ދާރުލްއާސާރަކީ ވަގުންގެ ކަޅި ވަރަށް ގިނައިން އަމާޒުވާ ދާރުލްއާސާރެކެވެ. 1911ވަަނަ އަހަރުގެ ތެރޭގައި އެ ދާރުލްއާސާރުން މޮނަ ލީސާ ވެސް ވަގަށް ނަގާފައިވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ކުރެހުން ވަނީ އިޓަލީވިލާތުގެ ފްލޮރެންސުން ފެނިފައެވެ. 1983ވަނަ އަހަރު ވެސް އެ ދާރުލްއާސާރުން ތާރީޚީ ގޮތުން މުހިންމު ދެ އެއްޗެއް ވަގަށް ނަގާފައިވެއެވެ. އެ ތަކެތި ހޯދުނީ އޭގެ 40 އަހަރު ފަހުންނެވެ.
ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތުގެ އެކި ދާރުލްއާސާރުތަކުގައި ވައްކަމުގެ ހާދިޘާތައް ހިނގާފައިވެއެވެ. އެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޕެރިސްގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން 600،000 ޔޫރޯގެ ރަން ވަގަށް ނަގާފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެހެން ދާރުލްއާސާރަކުން ރޯމާދުވާލު ވައްކަންކޮށްފައިވެއެވެ.