 
										
			ކޮންމެ އަހަރަކުވެސް ރައްޔިތުން މަޖިލީހަށް ހުށަހަޅާ ދައުލަތު ބަޖެޓުން ފެންނަ އެއް ހަޤީޤަތަކީ އާމްދަނީ އިތުރުވެ ޚަރަދުތައް ބޮޑުވަމުންދާ ކަމެވެ. ނަމަވެސް މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުން މަޖިލީހަށް ހުށަހެޅިއިރު މީގެ ކުރިން ހުށަހެޅި ބަޖެޓަށްވުރެ ބޮޑު އަދަދެއް ބަޖެޓުގައި އޮތް ނަމަވެސް އަސްލު ބަޖެޓު ކުޑަ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ. މިއީ މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ބަޖެޓެވެ. ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބަޖެޓުގެ ނިސްބަތުން ބޮޑު އިންސައްތައެއް ބޮންޑާއި ސުކޫކު ދެއްކުމަށް ހިމަނާފައިވެއެވެ. މިއަދަދު އުނިކުރުމުން ބަޖެޓު 55 ބިލިޔަން ރުފިޔާއަށް ތިރިވެއެވެ. މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓާއި އަޅާ ކިޔާނަމަ ގާތް ގަނޑަކަށް 1.6 ބިލިޔަން ރުފިޔާ ދަށް އަދަދެކެވެ. 
އަންނަ އަހަރު ޖުމްލަ 12.9 ބިލިޔަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ފައިސާއެވެ. މި ސޫކޫކުގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައިވަނީ އޭގެ ކުރީ ސަރުކާރުން ނެގި ސަނީ ސައިޑް ބޮންޑް ދެއްކުމަށާއި ކޯވިޑާއި ގުޅިގެން ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.
		
 
										
			މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު 2 ޕޭމަންޓަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް އެޕްރީލް އަދި އޮކްޓޯބަރ މަހު ސަރުކާރުން ދަނީ ފައިސާ ދައްކަމުންނެވެ. މި ސުކޫކުގެ މުއްދަތު އަންނަ އަހަރު ހަމަވާއިރު އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ހަމައެކަނި މި ބޮންޑާއި ސުކޫކު ދެއްކުމަށް އަންނަ އަހަރަށް ލާފަކުރާ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ޖުމްލަ ބަޖެޓުގެ 14 އިންސައްތައެވެ. މިއަދަދު އަޅާ ކިޔާނަމަ ދައުލަތުގެ ޚަރަދުގައި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓު ނުވަތަ ޕީއެސްއައިޕީ ބަޖެޓަށް އަންނަ އަހަރު ލަފާކޮށްފައިވަނީ 8.3 ބިލިޔަން ރުފިޔާއެވެ. މުޅި ޖުމްލަ ކެޕިޓަލް ހިންގާނެ ކަމަށް ލަފާކުރެވޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި ބަޖެޓުގައި އޮތީ 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ބޮޑު އަދަދެއް އޮތުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައި އޮތުމެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ އެއްވެސް ސަރުކާރަކުން މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހިފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 600 މިލިޔަން ޑޮލަރު ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
		
 
										
			މިވަރުގެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭއިރު މީގެ ކުރީގެ ސަރުކާރުތަކުގައި މާލިއްޔާ އެކަށީގެންވާ ގޮތަށް ބެލެހެއްޓިފައި ނެތްކަން ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓްތައް ހުށަހަޅައިގެން ވިދިވިދިގެން ގިނަ އަހަރުތަކުގައި ސަރުކާރު ހިންގުމުގެ ނަތީޖާއަކަށްވީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި މެކްރޯ ފިސްކަލް ސްޓެބިލިޓީ ގެއްލުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.
މިއާއެކު މިއަހަރުގެ ބާކީވާ މުއްދަތަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި އަހަރު ނިންމާލާއިރު، އަންނަ އަހަރަށް ލާފާކޮށްފައިވާ ދައުލަތުގެ ބަޖެޓަކީ މިހާތަނަށް ހުށަހަޅާ އެންމެ ޑެފިސިޓް ނުވަތަ ޚަރަދާއި އާމްދަނީގެ ފަރަޤު އެންމެ ކުޑަ ބަޖެޓެވެ. މިއަންނަ އަހަރަށް ލަފާކޮށްފައިވާ ބެޖެޓުގެ ޑެފިސިޓަކީ 8.8 ބިލިޔަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބަޖެޓެއް އެކުލަވާލުމުގެ ފުރުސަތު ލިބި މިއަހަރުގެ ބަޖެޓު ތަންފީޒު ކުރަމުންދާއިރު، އެމަނިކުފާނުގެ ސަރުކާރުން ދައުލަތުގެ ބަޖެޓުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މިވޭތުވެ ދިޔަ 40 ހަފްތާ ދައުލަތް ހިންގާފައިވަނީ އަރަނިކޮށް ކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.