ޚަބަރު

ނިމުނު ހަފްތާ: 2026ގެ ބަޖެޓު ހުށަހަޅައި، މުހިންމު ނިންމެވުންތަކެއް


  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ވަނީ ހުށައަޅާފައި

  • ރައީސް ވަނީ ޅ. އަދި ކ. އަތޮޅަށް ދަތުރުފުޅެއްކުރައްވާފައި

  • އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގާފައިވޭ

  • ޖޭއެސްސީގެ ރައީސްކަމަށް ޙުސްނީ އައްޔަންކުރައްވާފައިވޭ

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ނިމުނު ހަފުތާގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމެވެ. (30 އޮކްޓޫބަރު) ބަޖެޓު މަޖިލީހަށް ހުށައަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގެ އުސްއަލިތައް:

• އަންނަ އަހަރަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް
• ދަރަނި އަދާކުރަން ހިމެނި ވަރު ނުހިމަނައި، އަންނަ އަހަރުގެ ބަޖެޓު މިއަހަރަށްވުރެ ކުޑަ
• އަންނަ އަހަރު އިޤްތިސާދީ ދުވެލި %5.3 ކުރިއަރާނެކަމަށް ލަފާކޮށްފައިވޭ
• ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 2.5 ބިލިޔަން ރުފިޔާދޭން ބަޖެޓްކޮށްފައިވޭ
• ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވޭ
• ޞިއްޙީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވޭ
• ޖުޑިޝަރީ ގްރާންޓުގެ ގޮތުގައި 807 މިލިޔަން ރުފިޔާ ދިނުމަށް ބަޖެޓްކޮށްފައިވޭ
• ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް 623 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވޭ

ރައީސްގެ ދަތުރުފުޅު:

(27 އޮކްޓޫބަރު) ނިމުނު ހަފުތާގައި ރައީސުލްޖުމްޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޅ. އަތޮޅުގެ މީހުންގެ ދިރިއުޅޭ ހުރިހާ ރަށަކަށް އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމާއެކު، ރިކޯޑް މުއްދަތެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ރައީސްގެ ލަޤަބު ރައީސް ޑރ. މުޢިއްޒު ވަނީ ހޯއްދަވާފައެވެ.

(27 އޮކްޓޫބަރު) ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމަށްފަހު ލިބޭ ފައިސާ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. (27 އޮކްޓޫބަރު) އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖައިގައި ގިންތިކޮށް ނޮވެންބަރު މަހުން ފެށިގެން މުސާރަ ބޮޑުވާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްޚީ ދާއިރާގެ ވަށާޖެހޭ ތަރައްޤީއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. (29 އޮކްޓޫބަރު) ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްވެގެން ދިޔައީވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ. މިކަން އިފްތިތާޙުކުރީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ސިޔާސީ ދާއިރާ:

(25 އޮކްޓޫބަރު) ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާއިރު، އައްޑޫ 3 ރަށުގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓު ފާހަގަކޮށްލެވެއެވެ. މި ވޯޓުގެ ނަތީޖާ ދައްކާގޮތުން އައްޑޫ ހުޅުދޫއާއި މީދޫ މީހުން ބޭނުންވަނީ ވަކި ދެ ކައުންސިލެއް އުފެއްދުމަށެވެ. އަދި އައްޑޫ ފޭދޫ މީހުން ބޭނުންވަނީ ސިޓީ ކައުންސިލްއާއެކު ދެމިތިބުމަށެވެ.

ނިމުނު ހަފުތާގައި ވަރަށް ގިނަ އިދާރާތަކަކަށް ރައީސުންނާއި މެންބަރުންވެސް އައްޔަންކުރައްވާފައިވެއެވެ. (29 އޮކްޓޫބަރު) އެގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވަނީ އައްޔަންކުރައްވާފައެވެ. (27 އޮކްޓޫބަރު) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު ވަނީ ޢައްޔަންކުރައްވާފައެވެ. (26 އޮކްޓޫބަރު) އެ ކޮމިޝަންގެ މެންބަރުކަމަށް ޝުޢައިބު ޢަބްދުއްރަޙްމާނާއި ޝިފާޒު ޢަލީއާއި ޢަލީ މުޙައްމަދުމަނިކު އަދި ފާޠިމަތު ޝަރީފްވެސް ޢައްޔަންކުރެއްވީ ނިމުނު ހަފުތާގައެވެ.

(27 އޮކްޓޫބަރު) މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ފަރުޞަތު އައްޔަންކުރަން ފާސްކޮށްފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަންވެސް ފާސްކޮށްފައިވެއެވެ. (29 އޮކްޓޫބަރު)

އިޤުތިޞާދާއި ވިޔަފާރި:

(29 އޮކްޓޫބަރު) އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްއިން "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. މި ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.

(29 އޮކްޓޫބަރު) މީގެ އިތުރުން ދުވާލަކު 3200 ޑޮލަރު ނެގޭ، ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑު ތަޢާރަފްކުރީވެސް ނިމުނު ހަފުތާގައެވެ. މި ކާޑުން ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިންމު ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނިގެންގޮސްފައިވެއެވެ.