 
										
			ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ދެވަނައަށް އޮޑި ސްޕޯޓްސް ކުލަބު ޖެހިލި މެޗަކީ އުނދަގޫ މެޗެއްކަމަށާ އެމެޗުގައި ޓީމުން ދެއްކި ކުޅުމާ ދޭތެރޭ އެހާ ހިތްހަމަނުޖެހޭކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
ގައުމީ ދަނޑުގައި މިމަހުގެ 26 ވަނަ ދުވަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ގާސިއާ ބުނީ އެމެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަނުޖެހޭކަމަށެވެ. އެދުވަހު ޓީމުން ދެއްކި ކުޅުމަކީ ޕްލޭނާ އެއްގޮތަށް ދިޔަ ކަމެއް ނޫންކަމަށާ އެމެޗު ކާމިޔާބު ކުރެވުނު ނަމަވެސް އެއީ ފަސޭހަ މޮޅެއް ނޫންކަމަށް ދެކޭކަމަށް ކޯޗު ފާހަގަކުރިއެވެ.
"ވަރަށް އުނދަގޫ މެޗެއް މިއީ. ބުރަކީ ވަރަށް ވަރުގަދަ ޓީމެއް. މިމެޗުގަ ފެނިގެން ދިޔަ ކުޅުމަކީ ޕްލޭނާ އެއްގޮތަށް ދިޔަ ކުޅުމެއް ނޫން. އެހެންނަމަވެސް ކުޅުންތެރިން ވިސްނާފަވަނީ ހިތްވަރުކޮށް ތާވަލުގެ ކުރިއަށް ޖެހިލުމަށް. އިދިކޮޅުން ގޯލި ޖެހުމާއެކު ޓީމަށް ހާސްކަން ގެނުވި. އެހެންނަމަވެސް ދެވަނަ ހާފުގަ އޮޑީގެ ކުޅުން ރަނގަޅުކުރިތަން ފެނުނު" ގާސިއާ ބުންޏެވެ. 
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގަ އެންމެ ފުރަތަމަ ލީޑު ނަގާފަވަނީ ބުރު ސްޕޯޓްސްގެ ފޯވާޑް މުޙައްމަދު ނާއިމްގެ ހަމަލާއެއް އޮޑި ސްޕޯޓްސްގެ ގޯލަށް އަމާޒުވި ހިސާބުންނެވެ. އެހެންނަމަވެސް މިގޯލާއެކު އޮޑިއަށް ފުރަތަމަ ހާފުގަ މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށުމާއެކު ބުރުގެ ގޯލު ފޫއަޅުވާލާ އޮޑިން ނަތީޖާ ހަމަހަމަކުރިއެވެ. މިއާއި އެކު ދެޓީމުގެ ވާދަވެރިކަން ގަދަވެ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތައް އައި ނަމަވެސް މެޗުގެ ފަހު މިނިޓުގައި އޮޑީގެ މުޒްދާން ހަސަން ޖެހި ގޯލާއެކު އޮޑިންވަނީ މެޗު ކާމިޔާބުކޮށްފައެވެ.
		
 
										
			ގާސިއާ ބުނީ ދެވަނަ ހާފާއެކު ކުޅުންތެރިންގެ ފަރާތުން ފެންނަން ފެށި ކުޅުމާއެކު ހިތްހަމަޖެހުމެއް ލިބުނުކަމަށެވެ. ވަކިވަކި ކުޅުންތެރިންގެ ކުޅުން އިތުރަށް ރަނގަޅުކުރިކަމަށާ މެޗުގެ ކާމިޔާބުކުރެވުމަކީ ލިބުނު އުފަލެއްކަމަށް އޭނާ ބުންޏެވެ. ވަރުގަދަ ޓީމެއް ބަލިކުރެވުމަކީ ލިބުނު ހިތްވަރެއްކަމަށް އޭނާ ސިފަކުރިއެވެ. މިކާމިޔާބީގައި ހިތްތިރިކޮށް މެޗާމެދު އިތުރަށް ވިސްނާ ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ ނިމުނު މެޗުތަކުން ލިބުނު ފިލާވަޅުގެ އަލީގައިކަމަށް އޭނާ ބުންޏެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ވަރުގަދަ ޓީމެއް ބަލިކުރެވުން. މިހާރު މިއޮތީ ތާވަލުގެ ވަރަށް ކުރިއަށް އެރިފަ. އެހެންނަމަވެސް އަހަރުމެން ކާމިޔާބީގަ ހިތްތިރިކޮށް މިމެޗުވެސް އެނެލައިޒްކޮށް ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ. ޖުމްލަކޮށް ބުނަންޏާ މިމެޗާ ދޭތެރޭ އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ" ގާސިއާ ބުންޏެވެ. 
ގާސިއާ ބުނީ ޓީމުން ކުރި ހިތްވަރަށް ސާބަސްދޭކަމަށެވެ. މިއީ ފުޓްބޯޅަކަމަށާ ކޮންމެ ފަހަރަކު އެންމެ ބޭނުންވާގޮތަށް ކަންކަން ނުދާނެކަން އޭނާ ގަބޫލުކުރާކަމަށެވެ. ކޮންމެ މެޗެއްގައި ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުކުޅެވިދާނެކަމަށާ އެހެންނަމަވެސް ފަހުވަގުތާ ހަމައަށް ކުރާ ހިތްވަރަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ،
"ކުޅުންތެރިންގެ ހިތްވަރާމެދު އުފާކުރަން. މިއީ ފުޓްބޯޅަ، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ފަހަރަކު އަހަރުމެން ބޭނުންވާ ނަތީޖާ ނުނުކުމެދާނެކަން. ކޮންމެ މެޗެއްގަ ކުޅުންތެރިންނަށް ހައި ޕާރފޯމަންސެއް ނުދެއްކިދާނެ. ކޮންމެ މެޗެއްގަ 100 ޕަސެންޓު ދެވޭނަމަ އަހަރުމެންނަށް ޔޫރަޕުގެ ލީގުތަކުގަވެސް ކުޅެވޭނެ. މިބުނާ ވާހަކައަކީ އެއީ ފަސޭހަކަމަކަށް ނުވާނެއޭ. އެހެންނަމަވެސް ކުޅުންތެރިންގެ ހިތްވަރަށާ ކޮމިޓްމަންޓާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ" ގާސިއާ ބުނެފަވެއެވެ.
ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން އޮޑި ބަލިވެފަނުވާއިރު ކުރިއަށް އޮތްތަނުގައިވެސް މިނަތީޖާ ދެމެހެއްޓުމަށް މަސައްކަތްކުރާނެކަމަށް ގާސިއާ ބުންޏެވެ. އޮޑިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަމަށްވެފައި އެޓީމަކީ އަދި ވަރަށް ކުޑަ ޓީމެއްގެ ގޮތުގައި ދެކޭކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ވަރުގަދަ ޓީމުތައް ބަލިކުރުމަށްފަހު ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލުމަށް އަބަދުވެސް އަމާޒު ހިފާފައިވާކަމަށް އޭނާ ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި  މާދަމާރޭ އޮޑި ސްޕޯޓްސް ކުލަބު ނުކުންނާނީ މިވަގުތު ތާވަލުގެ ނުވަވަނައިގަ އޮތް ގްރީންސްޓްރީޓް އާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ މާދަމާރޭ 09:00 ރަސްމީ ބޯޅަ ދަނޑުގައެވެ.