ކުޅިވަރު

ލަތީފް ވޮލީ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ


ކުރިއަށް އޮތް ވޮލީ އެސޯސިއޭޝަންގެ އިންތިހާބްގައި ވާދަކުރުމަށް މުހައްމަދު ލަތީފް ނިންމައިފިއެވެ. ޓީވީއެމް ސްޕޯޓްސްއާ ވާހަދަކައްމުން ކުރީގެ ވޮލީ ކުޅުންތެރިޔާ ލަތީފްބުނީ ވޮލީ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަން ނިމްމާފައިވަނީ ވޮލީ އާއިލާއިން މިހާރު ބަދަލަކަށް ބޭނުންވެގެން އެދެމުންދާތީކަމަށެވެ.

 އެންމެ ފަހުން ނިމިގެންދިޔަ ވޮލީ އެސޯސިއޭޝަންގެ އިންތިޙާބްގައި މައްސަލަތަކެއް ހުރެގެން ހޯމް މިނިސްޓްރީން މިހާރުވަނީ ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިޙާބް ބާތިލްކޮށްފައެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އާ އިންތިޙާބްއެއް ބޭއްވުމަށްވެސް ވަނީ އަންގާފައެވެ. 

ލަތީފްބުނީ ވޮލީ އާއިލާއިން މިހާރު ބޭނުންވަނީ ބަދަލެއްކަމަށާ އެބަދަލް ގެނެވެން އޮތީ އެހެން ފަރާތެއްވެސް އެސޯސިއޭޝަންގެ އިންތިހާބްގައި ކެރިގެން ކުރިމަތިލައިގެންކަމަށެވެ. ލަތީފްބުނީ ވޮލީގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތަށް އެބަހުރިކަމަށާ އަތޮޅު މުބާރާތްތަކާ ޒޯން މުބާރާތުގެ އިތުރުން ގައުމީ ޓީމްތަށް ވާދަކުރާ އިންވިޓޭޝަނަލް މުބާރާތްވެސް މިހާރު ހުއްޓިފައިވާކަމަށާ ބޭނުންވަނީ ވޮލީ ކުރިއަރުވާ ވީހާވެސް ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދިއުންކަމަށެވެ. ލަތީފްބުނީ ވޮލީ ބޯލް އެސޯސިއޭޝަންގެ ރަޢީސްކަމަށް ކުރިމަތިލަނީ ފަހަތަށް އެނބުރި ބަލަން ނޫންކަމަށާ ބޭނުންވަނީ ސަރުކާރުގެ އެހީއާއެކު ވޮލީ އިތުރަށް ކުރިއަރުވަންކަމަށެވެ.

ލަތީފްއަކީ ވޮލީގެ އެކި ކުލަބްތަކަށް ވޮލީ ކުޅުމުގެ އިތުރުން ގައުމީ ވޮލީ ޓީމްއަށްވެސް ކުޅެފައިވާ އަދި މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.