ލެވެލް 1 ގެ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މިކޯސް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ. މިކޯހުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ ފަސްވަނަ ދުވަހާހަމައަށް ހުޅުވިފަވާއިރު މިއީ ދެ ޖިންސުގެ ފަރާތްތަކަށްވެސް ހުޅުވިފަވާ ފުރުސަތެކެވެ.
ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ ދިވެހި ކޯޗުން ތަމްރީނުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރެފްރީންނާއި ކޯޗުން އަދި އޮފިޝަލުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އެމްއެންއައިއެސްއިން މިހާރުވެސްވަނީ ކާމިޔާބުކަމާއެކު ކޮށްފައެވެ.
މިކޯސްތަކުން ތަމްރީނުވި ފަރާތްތަކުން މިހާރު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވަމުން އަންނައިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މިގޮތުން އަތޮޅުތެރޭގައިވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ގިނަ އެކަޑަމީތަކެއް ހިންގަމުން އަންނައިރު މިތަންތަނުގައި ކުދިންނަށް އިރުޝާދުދިނުމަށް ހަރަކާތްތެރިވަމުން އަންނަނީ ރާއްޖޭގެ ކޯޗުންކަން ފާހަގަކޮށްލެވެއެވެ.