ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފި އެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ ލީގުގައި މިހާތަތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވިޔަރެއާލް އަށް 23 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ރެއާލް މެޑްރިޑް އަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯޑަދީފަ އެވެ.
މި މެޗުގެ 31 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ޖޫޑް ބެލިންހަމް ލަނޑު ޖެހުމުގެ ކުރިން ރެއާލް މެޑްރިޑަށް ވަނީ އިތުރު ލަނޑެއް ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އެއް ވިނިޝިއަސް ޖޫނިއަރ ފޮނުވާލިއިރު ވެލެންސިއާގެ ކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އަލްވާރޯ ކަރެރަސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.