ނައިޖީރިޔާގައި ނަޞާރާ ދީނުގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން، ހުޅަނގު އެފްރިކާގައި އޮންނަ އެ ޤައުމަށް އެމެރިކާ ސިފައިން ފޮނުވައި، ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ނައިޖީރިޔާގައި އުޅޭ ނަޞާރާއިންނަށް ޢަމާޒުކޮށް ޙަމަލާދީ، އެ ދީނުގެ ގިނަ އަދަދެއްގެ މީހުން ދަނީ މަރަމުންނެވެ. އަދި އެމެރިކާގެ ސިފައިން ނައިޖީރިޔާއަށް ފޮނުވައިގެން ވިޔަސް އެކަން ހުއްޓުވަން ކޮންމެހެން ވެސް ޖެހޭކަމަށް، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވެފައިވަނީ، ނަޞާރާއިން މެރުން ނައިޖީރިޔާގެ ސަރުކާރުން ނުހުއްޓުވައިފިނަމަ، ނައިޖީރިޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ސަރުކާރުން ދީފައިވަނިކޮށެވެ.
ނަޞާރާއިންތަކެއް މަރައިލި މައްސަލާގައި، އެ ޤައުމުގައި ދީނީ މިނިވަންކަމެއް ނެތް ކަމަށް ބުނެ، އިތުރަށް ސަމާލުވާންޖެހޭ ޤައުމުތަކުގެ ލިސްޓުގައި އެމެރިކާ ސަރުކާރުން ވަނީ ނައިޖީރިޔާ ހިމަނައިފައެވެ. އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ އެ ލިސްޓުގައި މިހާރު ހިމަނާފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، މިޔަންމާ، އުތުރު ކޮރެޔާ، ރަޝިޔާ އަދި ޕާކިސްތާނު ހިމެނެއެވެ.
ނަޞާރާއިން ސީދާ އަމާޒުކޮށް، ނައިޖީރިޔާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަމަލާދޭ ކަމުގެ ހެއްކެއް ނެތް ކަމަށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ބައެއް ޖަމްޢިއްޔާތަކުން ބުނެފައިވާއިރު، އެމެރިކާގެ އެ ތުހުމަތުތައް ނައިޖީރިޔާގެ ސަރުކާރުން ވެސް ވަނީ ދޮގުކޮށްފައެވެ.