ކުޅިވަރު

ފުވައްމުލައް ސިޓީ މާދަޑުގައި ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި


  • މިއީ އެއް އަހަރު ދުވަހުން ނިންމައި ހަވާލުކުރި މަޝްރޫއެއް

  • މިއީ ފުވައްމުލައް ސިޓީގެ ޒުވާނުންގެ ދުވަސްވީ އުންމީދެއްގެ ނިމުން

  • މި ދަނޑާއެކު ޒުވާން އައު އެތުލީޓުން އެސިޓީއިން އުފެދޭނެ ކަމަށް އުންމީދުކުރެވޭ

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުވައްމުލައް ސިޓީ މާދަޑުގައި ތަރައްގީކުރި ފުޓްސަލް ދަނޑު މިއަދު ހުޅުވައިފިއެވެ.

މިދަނޑު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރެވެ. މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރާއި ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިދަނޑުގެ މަސައްކަތަކީ ޓްރިޕްލް އެރިޓް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އެކުންފުންޏާ މިމަޝްރޫއު ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މޭމަހުގެ 23 ވަނަ ދުވަހުއެވެ. އަދި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ތެރޭގަ ފެށިފަވާއިރު މިއީ ގާތްގަނޑަކަށް އެއް އަހަރުދުވަހުން ނިންމާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި ދަނޑަކީ ފުޓްސަލް ދަނޑެއްގައި ހުންނަންޖެހޭ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ.

މި ދަނޑާއެކު ފުވައްމުލައް ސިޓީގެ ކުޅިވަރު ތަރައްޤީއަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މިއީ މާދަޑުގެ ރައްޔިތުންގެ އިތުރުން މުޅި ފުވައްމުލައް ސިޓީގެ ޒުވާނުންގެ ދުވަސްވީ އުންމީދެކެވެ. މި ދަނޑާއެކު ރަށުގެ ކުދިބޮޑު އެންމެންގެ ހަށިހެޔޮކަމަށް މަންފާކުރާނެކަމަށާއި، މިއީ ކުޅިވަރުގެ ހުނަރުތައް ތަރައްގީކޮށް ފުވައްމުލައް ސިޓީން އައު އެތުލީޓުންތަކެއް ނުކުތުމަށް ހުޅުވޭ ދޮރެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.